އަހަރެމެންގެ ދިރިއުޅުމުގައި މައިގަނޑު ގޮތެއްގައި މި އޮންނަނީ ތިން ކަމެކެވެ. ކެއުމާއި ހަރަކާތްވެރިވުމާއި ނިދުމެވެ. އެހެންކަމުން ދިރިއުޅުމުގެ މި އާދަތަކަށް އަންނަ ކޮންމެ ބަދަލަކީ އެމީހެއްގެ މުޅި ދިރިއުޅުމަށް އޭގެ އަސަރު، ކޮންމެވެސް ސިފައެއްގައި ކުރާނެ ބަދަލެއްކަން ޔަގީނެވެ. އާދަތަކަށް ގެންނަ ބަދަލަކުން ދިރިއުޅުމަށް ރަނގަޅު އަސަރެއް ނުވަތަ ނުރަނގަޅު އަސަރެއް ވެސް ކޮށްފާނެއެވެ.
ދާދި ފަހުން އިނގިރޭސި ވިލާތުގައި ކުރި ދިރާސާއަކުން އެނގުނު ގޮތުގައި މީހާގެ ނިދުމާއި ހަރަކާތްތެރިވުމާއި (ކަސްރަތުކުރުން) ކެއިންބުއިމަށް ގެންނަ ކުޑަކުޑަ ބަދަލަކުން ވެސް އެމީހާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސް އުމުރު ދިގުވުމަށް މަގުފަހިވެއެވެ. އީކްލިނިކަލްމެޑިސިން ކިޔާ ޖާނަލްގައި މި މަހުގެ 13 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން އަހަރެމެންގެ ކެއުމާއި ކަސްރަތު ކުރުމާއި ނިދުމަށް ގެންނަންވީ ވަރަށް ކުޑަކުޑަ ހެޔޮ ބަދަލުތަކެކެވެ.
އޭރުން އެމީހެއްގެ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އައިސް އުމުރު ދިގުވުމަށް މަގު ފަހިވެއެވެ. މި ދިރާސާ ހަދާފައިވަނީ އިނގިރޭސި ވިލާތުގެ އާންމު ރައްޔިތުންގެ ސިއްހީ ހާލަތާ ބެހޭ މައުލޫމާތު އެއްކުރާ، ޔޫކޭ ބަޔޯބޭންކުގައި ހުރި މައުލޫމާތުތަކުގެ ތެރެއިން 60000 މީހެއްގެ މައުލޫމާތު ދިރާސާކޮށްގެންނެވެ.
މި ބަޔޯ ބޭންކުގައި އިނގިރޭސި ވިލާތުގެ އެތައް ލައްކަ އާންމު ރައްޔިތުންގެ ސިއްހަތާ ގުޅުން ހުރި ބޭސްތަކުގެ މައުލޫމާތާއި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ އެތައް މައުލޫމާތެއް ރައްކާކޮށްފައި ހުރެއެވެ. އެ މައުލޫމާތުތަކުގެ ތެރެއިން މި ދިރާސާގައި ތަހުލީލުކޮށް އަޅާކިޔާފައިވަނީ، މީހުންގެ އުމުރުގެ ދިގުމިނާއި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރެއިން، ކެއުންބުއިމަށް ބޭނުންކުރި ތަކެއްޗާއި، އެމީހުން ހަރަކާތްތެރިވެ އުޅޭ މިންވަރާއި އެމީހުންގެ ނިދުމުގެ އާދަ ހުރި ގޮތުގެ މައުލޫމާތެވެ.
މި ދިރާސާގައި އަޅާކިޔާފައިވާ މީހުންގެ ތެރެއިން، އުމުރު ދިގުކަން ފާހަގަކުރެވިފައިވަނީ، އެމީހުންގެ ނިދުމުގެ އެވްރެޖް މުއްދަތާ އަޅައި ބަލާއިރު، އެއަށް ވުރެ އެންމެ ފަސް މިނެޓް އިތުރަށް ނިދާ މީހުންނެވެ. އަދި އެމީހުން ހަރަކާތްތެރިވެ އުޅޭ ވަގުތާ އަޅައި ބަލާއިރު، އެއަށް ވުރެ ދެ މިނެޓެއްހާއިރު އިތުރަށް ހަރަކާތްތެރިވެ އުޅޭ މީހުންނެވެ. އަދި އެމީހުން އާންމުކޮށް ކައިއުޅޭ މިންވަރުގެ ދެ ބައިކުޅަ އެއްބައިގައި ތަރުކާރީ ހިމަނައިގެން ކެއުމުގެ އާދަ ދެމެހެއްޓި މީހުންކަން މި ދިރާސާއިން ފާހަގަކުރެވުނެވެ.
ކެއުމާއި ނިދުމާއި ހަރަކާތްތެރިވުމުގެ އާދަ ރަނގަޅު ގޮތުގައި ދެމެހެއްޓި މީހުންގެ އުމުރު، އެނޫން މީހުންނާ އަޅައި ބަލާއިރު އެވްރެޖް ގޮތެއްގައި އެއް އަހަރު އިތުރުވެފައިވެއެވެ. މި ދިރާސާއިން މި ގޮތަށް ދެއްކި ނަމަވެސް، ކަސްރަތު ކުރާ ވަގުތަށާއި ނިދާ ވަގުތަށް މިނެޓްކޮޅެއް އިތުރުކުރުމާއި ކެއުމަށް ކުޑަ ބަދަލެއް ގެނައުމަކީ އެމީހެއްގެ އުމުރު ދިގުކޮށްދޭނެ ކަމުގެ ޔަގީންކަން ލިބޭ ކަމެއް ނޫން ކަމަށް، މިދިރާސާގެ އިސް ސައެންސްވެރިއެއް ކަމަށްވާ، ކޭމްބްރިޖް ޔުނިވަސިޓީގެ ސްޓެފަން ބާގެސް ވިދާޅުވެއެވެ.
މި ދިރާސާއަކީ އޭގެ ޒާތުގައި، މި ދިރާސާގައި ބުނެފައިވާ އާދަތައް އެ ގޮތަށް ބައްޓަން ކުރުމުން އުމުރު ދިގުކޮށްދޭނެ ކަން ސާބިތުކޮށްދޭ ދިރާސާއެއް ނޫން ކަމަށް އޭނާ ވިދާޅުވެއެވެ. އެހެން ނަމަވެސް، މި ދިރާސާއިން ފެންނަން ހުރި ހަގީގަތްތަކަށް ބަލާއިރު، ދިރިއުޅުމުގެ އާދަތަކުގެ ތެރޭގައި ހިމެނޭ އެ ތިން ދާއިރާއިން – ކެއުން، ނިދުން، ހަރަކާތްތެރިވުން – ހެޔޮ ބަދަލުތަކެއް ގެނައުމަކީ، އުމުރު ދިގުވުމަށް މަގު ފަހިކޮށްދީފާނެ ކަމެއް ކަމަށް ބެލެވެއެވެ.
މި ދިރާސާގެ އިސް ސައެންސްވެރިއެއް ކަމަށްވާ ސިޑްނީ ޔުނިވަސިޓީގެ ޑައިޓީޝަން ނިކޮލަސް ކޮއެމެލް ވިދާޅުވާ ގޮތުގައި ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެންނަން ބޭނުން ނަމަ، ދިރިއުޅުމުގެ ވައްޓަފާޅީގައި ހިމެނޭ ހުރިހާ ދާއިރާތަކަށް ވެސް ހެޔޮ ބަދަލެއް ގެންނަން ޖެހެއެވެ. ސަބަބަކީ މީހާގެ ހަށިގަނޑުގެ ދުޅަހެޔޮކަމަކީ އެ ހުރިހާ ދާއިރާތަކާ ގުޅިފައިވާ ކަމަށްވާތީއެވެ.
ހަމައެކަނި ގިނަ ވަގުތު ނިދާފައި، އެކަށީގެންވާ މިންވަރަށް ހަރަކާތްތެރިވެ ނުއުޅޭ ނަމަ އެކަމުން ކުރާނެ މަންފާއެއް ނޯންނާނެއެވެ. ސިއްހީ ގޮތުން ފައިދާ ހުރި ކާނާ ކެޔަސް، އެކަށީގެންވާ މިންވަރަށް ނުނިދާ ނަމަ، އޭގެ މަންފާއެއް ނުކުރާނެއެވެ. އެކަށީގެންވާ މިންވަރަށް ހަރަކާތްތެރިވެ އުޅުނަސް، ރަނގަޅަށް ނުނިދައި އުޅޭ ނަމަ، ހަށިގަނޑަށް ލިބޭނީ އިތުރު ވަރުބަލިކަމާއި ބަލިކަށި ކަމެވެ.
ދިރިއުޅުމަށް ގެންނަ ކުޑަކުޑަ ބަދަލަކުން އުމުރު ދިގުކޮށްލެވިދާނެ ދިރިއުޅުމަށް ގެންނަ ކުޑަކުޑަ ބަދަލަކުން އުމުރު ދިގުކޮށްލެވިދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ