ތެރަޕިއުޓިކް ފަރުވާތަކަށް މި ފަސް އަހަރުތެރޭގައި ކުރި ހަރަދުތައް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރު އެކަނިވެސް ތެރަޕިއުޓިކް ފަރުވާއަށް ވަނީ، 107 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. މިއީ މީގެ ފަސް އަހަރު ކުރިއާ ބަލާއިރު، 100 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ސަރުކާރުގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މީގެ ފަސް އަހަރުކުރިން 2020 ވަނަ އަހަރު ތެރަޕިއުޓިކް ފަރުވާއަށް 7.2 މިލިއަން ރުފިޔާގައި ހުރިއިރު، އޭގެ ކުރީ އަހަރު ހޭދަކޮށްފައިވަނީ، 3.1 މިލިއަން ރުފިޔާއެވެ.
ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،059 މީހަކު ރަޖިސްޓްރީވެފައިވާއިރު، މީގެ ތެރެއިން އޯޓިޒަމް ހުންނަ ފަރާތްތަކުގެ އަދަދު، 588 އަށް އަރާއިރު، އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު 56 ކަށް އަރައެވެ. މީގެ އިތުރުން ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު 1،871 އަށް އަރާއިރު، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު 2،116 އަށް އަރައެވެ.
އެންސްޕާގެ ތަފާސްހިސާބަށް ބަލާއިރު، ތެރަޕިކް ފަރުވާ ހޯދާ ކުދިންގެ ޖުމްލަ އަދަދު އެނގެން ނެތްނަމަވެސް މިދިޔަ ޑިސެމްބަރުމަހު އެކަނިވެސް 231 ކުއްޖެއްގެ ތެރަޕީ ފަރުވާއަށް ފައިސާ ހަމަޖައްސައިދީފައި ވެއެވެ. ތެރަޕީފަރުވާ ހޯދާ ކުދިންގެ ތެރެއިން އެންމެބޮޑަށް ހޭދަކުރަންޖެހެނީ ބެހޭވިއާ ތެރަޕީއަށެވެ.
ތެރަޕީ ފަރުވާއަކީ ރާއްޖޭގައި މިވަގުތު ކުޑަކުދިންނަށްދޭ މި ބާވަތުގެ ފަރުވާގެ ތެރެއިން އެންމެ އަގުބޮޑު އެއް ފަރުވާއެވެ. ތެރަޕީ ހިދުމަތްދޭ ގިނަ ތަންތަނުން ސެޝަނަކަށް ކުއްޖަކަށް 600 ރުފިޔާގެ އަދަދެއް ނަގާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި އެންސްޕާއިން ދެއެވެ. އަދި ބައެއް ސެންޓަރުތަކުންދޭ ފަރުވާގެ ހުރިހާ ހަރަދެއް މިހާރު ދައުލަތުގެ ވެލްފެއާ ނިޒާމުގެ ދަށުން ހަމަޖައްސައިދެއެވެ. މައުލޫމާތު ލިބޭގޮތުގައި ގިނަ ކުދިންނަކީ އާއްމު ގޮތެއްގައި އެއްފަހަރާ ކޮންމެވެސް ދެ ތެރަޕީއެއް ކުރިއަށްގެންދާ ކުދިންނެވެ. އެގޮތުން އޮކިޕޭޝަނަލް ތެރަޕީ އާއި ބިހޭވިއާ ތެރަޕީ ނަގާއިރު، މި ތެރަޕީތަކަށް މަހެއްގެ މައްޗަށް 14،000 ރުފިޔާގެ އަދަދެއް ބައެއް ކުދިންގެ ބެލެނިވެރިން ހޭދަކުރެއެވެ.
ތެރަޕިކް ފަރުވާއަށް ކުރާ ހޭދަ 5 އަހަރުތެރޭ 100 މިލިއަން ރުފިޔާއިން މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ