ކޮރަޕްޝަންގެ ސަބަބުން ގެއްލުނު ރައްޔިތުންގެ ފައިސާ ހޯދައި އަދ ހައްގުތައް ކަށަވަރު ކުރުމުގެ ފިޔަވަޅުތައް އެޅޭނީ އިންތިގާލީ ސަރުކާރެއް ގާއިމްކޮށްގެން ކަމަށް އިދިކޮޅު އިއްތިހާދުން އިއްޔެ ބުނެފި އެވެ.
ބޭރުގެ ސަފީރުންނަށާއި މީޑިއާތަކަށް ތައާރަފްވާން ޔުނައިޓެޑް މޯލްޑިވްްސް އޮޕޮޒިޝަން (ޔޫއެމްއޯ) އިން ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިޔަނި ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ސަރުކާރުން ކަންކަން ކުރާ ގޮތުން ރާއްޖެ ބޮއްސުންލާފައިވާ ކަމަށެވެ. މާރާމާރީ އާއި މީހުން މެރުން ފަދަ ކަންކަން އާއްމުވެ، ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވުން އިތުުރުވީ ސަރުކާރުގެ އިހުމާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޔުނައިޓެޑް މޯލްޑިވްްސް އޮޕޮޒިޝަންގެ މައިގަނޑު މަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން މިހާރު ހުރި ހުދުމުހުތާރު ވެރިޔާ މަގާމުން ދުރުކޮށް، ވީހާ ވެސް އަވަހަކަށް އިންތިގާލީ އިންތިޒާމެއް ހަމަޖެއްސުން،" ގަލަދާރީ ހޮޓަލުގައި އޮތް ބައްދަލުވުމުގައި ނަސީމް ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން.-- ފޮޓޯ: އިއްތިހާދު
ހިޔަނި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ދުސްތޫރީ އިސްލާހުތަކާ ބެހޭ މިނިސްޓަރު ހުސައިން ޝަމީމް ވިދާޅުވީ އާ ގާނޫނުއަސާސީގެ ދަށުން ތިން ބާރު ވަކިވެފައި އޮތް އޮތުން މި ސަރުކާރުން ބަދަލުކޮށް، މަޖިލީހާއި ޝަރުއީ ނިޒާމް ރައީސް "ހައިޖެކްކޮށްފައިވާ" ކަމަށެވެ. އަސާސީ ހައްގުތައް ނިގުޅައިގަނެ، އަބުރާ ބެހުން ފަދަ ކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
އެކަން ބަދަލު ކުރުމަށް، އިދިކޮޅު އިއްތިހާދުން ދުސްތޫރީ އިސްލާހީ ޕެކޭޖެއް ހުށަހަޅާނެކަން ޝަމީމް އިއުލާން ކުރެއްވި އެވެ. އެ ޕެކޭޖުގައި ހިމެނޭ ކަންކަމުގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ ޝަރުއީ ނިޒާމާއި ލާމަރުކަޒީ ނިޒާމު އިސްލާހުކުރުމާ އެކު، އަސާސީ ހައްގުތައް އަނބުރާ ރައްޔިތުންނަށް ހޯދައި ދިނުމާއި މިނިވަން، އިންސާފުވެރި އިންތިހާބެއް ކަށަވަރު ކުރުމެވެ. އަދި ސުޕްރީމް ކޯޓުން ދައުލަތުގެ އެހެން ބާރުތަކުގެ މައްޗަށް ބަސް ނުބުނެވޭ ގޮތް ހެދުމާއި އެއް ބާރު އަނެއް ބާރަށް ފާރަވެރި ވެވޭނެ ގޮތްތައް ގާއިމްކުރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރީގައި ހެދިފައި ހުރި ގޯސްތަކުން ފިލާވަލު ލިބިގަންނާނަން. އެކަންކަން ތަކުރާރެއް ނުކުރާނަން،" ޝަމީމް ވިދާޅުވި އެވެ.
ހިޔަނި މިނިސްޓަރު ހިސާން ހުސައިން ވެސް ވަނީ އޭނާގެ ދާއިރާ ކަމަށްވާ ޝަރުއީ ދާއިރާގެ އިސްލާހަށް އަޅާނެ އިސްލާހީ ފިޔަވަޅުތަކެއް ހާމަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ޝަރުއީ ދާއިރާގައި އިންތިގާލީ އިންތިޒާމެއް ބޭނުންވާ ކަމަށާއި އެ އިންތިޒާމުގެ ތެރެއިން ކުރިން ހިންގާފައިވާ ނޭއްގާނީ ކަންކަމަށް އިންސާފު ހޯދައިދީ، ކޮރަޕްޝަނާއި ސިޔާސީ ނުފޫޒުތައް ނައްތާލަން ޖެހޭނެ ކަމަށެވެ.
އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ބައެއް މެމްބަރުން ލަންކާގައި އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: އިއްތިހާދު
މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހިޔަނި ކެބިނެޓުގެ ފަސް މިނިސްޓަރުން އެންމެ ބޮޑަށް ފާހަގަކުރެއްވީ ކޮރަޕްޝަންގެ މައްސަލަ އެވެ. ރައީސް އަބްދުﷲ ޔާމީނާ ހަމައިން ފެށިގެން ސަރުކާރުގެ އެކި ލެވެލްތަކުގައި ކޮރަޕްޝަން އަށަގަނެ އެކި ދިމަދިމާ އަށް ފެތުރިފައިވާ ކަމަށާއި ދައުލަތުގެ ފައިސާ ބޮޑެތި އަދަދުތަކުން ވަގަށް ނަގާފައިވާ ކަމަށް އެ ބޭފުޅުން ތުހުމަތުކުރެއްވި އެވެ.
"ވަގަށް ނަގާފައިވާ ފައިސާ ހޯދުން އެއީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ އެންމެ މުހިއްމު އެއް މަގުސަދު،" ހިޔަނި ޓޫރިޒަމް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ފައިސާ ހޯދަން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނިއިރު، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަން ހިންގީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) މެދުވެރިކޮށެވެ. ރަށްރަށާއި ފަޅުތައް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން 79 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ވަގަށް ނަގާފަ އެވެ. އެ ކަމުގައި އަމަލީ ގޮތުން އެންމެ ބޮޑު ދައުރެއް އަދާކުރެއްވި ކަމަށް ބުނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ އިދިކޮޅު އިއްތިހާދުގެ އެއް ބައިވެރިޔާ އެވެ.
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އިސްކޮށް ހުންނަވާ އިދިކޮޅު އިއްތިހާދުން މަސައްކަތް ކުރަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށެވެ. އެ ނޫން ގޮތަކަށް މިނިވަން، އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް އިއްތިހާދުން ގަބޫލުކުރެ އެވެ.
ވަގަށް ނެގި ފައިސާ ހޯދޭނީ އިންތިގާލީ ސަރުކާރެއް ގާއިމްކޮށްގެން: އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ