ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން މި މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 33 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމަށް ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ބަންކަރިންގެ ހިދުމަތާއެކު ކުންފުނިން ވިއްކި ތެލުގެ މިންވަރު 27 އިންސައްތަ އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން ކުންފުނީގެ އެހެނިހެން ދާއިރާތަކުގެ ވިޔަފާރިވެސް މި ކުއާޓަރުގައި ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.
މާލީ ހިސާބުތަކުން ދައްކާގޮތުގައި ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 785 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ. ހިންގުމުގެ ހަރަދުތައް ނިސްބަތުން އިތުރުވި ނަމަވެސް، ޖުމްލަ ފައިދާ އިތުރުވުމުގެ ސަބަބުން ހިންގުމުގެ ފައިދާ ވަނީ 14 އިންސައްތަ އިތުރުވެ، 368 މިލިއަން ރުފިޔާއަށް އަރާފައެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 331 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ. ފައިނޭންސް ކުރުމުގެ ހަރަދުތައް ކުޑަކުރެވުމަކީވެސް މި ކުރިއެރުމަށް ލިބުނު ބާރެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 276 މިލިއަން ރުފިޔާއެވެ.
މި ކާމިޔާބީއާ ގުޅިގެން އެސްޓީއޯއިން ވަނީ ކުންފުނީގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެ ކުންފުންޏަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އެސްޓީއޯގެ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓު މިހާރު އެ ކުންފުނީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 5.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ