ޒީނަތުއަކީ މާ މޮޅު ފިލްމީ ތަރިއެއް ނޫން: މުމްތާޒް
ހިންދީ ސިނަމާގެ 70އިގެ އަދި 80އިގެ އަހަރުތަކުގައި ގިނަ ބައެއްގެ ހިތްތައް ފަތަހަކޮށްލި ކުރީގެ ބަތަލާ ޒީނަތު އަމާންއަކީ މާ މޮޅު އެކްޓްރެސްއެއް ނޫން ކަމަށާއި އެއީ "ތަރިއެއް" ކަމަށް ވެސް ގަބޫލުނުކުރާ ކަމަށް ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު ބަތަލާ މުމްތާޒް ބުނެފިއެވެ. ނޫސްވެރިޔާ ވިކީ ލަލްވާނީއަށް ދިން އިންޓަވިއުއެއްގައި މުމްތާޒް ބުނެފައިވަނީ، ޒީނަތުގެ އިތުރުން ސަންޖީވް ކުމާރަކީ ވެސް އޭނާގެ ނަޒަރުގައި ތަރިންނެއް ނޫން ކަމަށެވެ. "ކޮންމެ ކޮންމެ މީހަކީ ތަރިއަކަށް ނުވެވޭނެ. ކޮންމެ މީހަކަށް ދިލިޕް ކުމާރަކަށް ވެސް ނުވެވޭނެ. ތަރިއެއްގެ މަގާމަށް ދިއުމަށް އެތައް އަހަރެއްގެ މަސައްކަތް ބޭނުންވޭ. އަސްލު ތަރިންނަކީ މީނާ ކުމާރީ، މަދޫބާލާ، ނަރުގިސް އަދި ރޭކާ ފަދަ ފަންނާނުން،" 78 އަހަރުގެ މުމްތާޒް މި އިންޓަވިއުގައި ބުނެފައިވެއެވެ. "ޒީނަތަކީ މާ މޮޅު އެކްޓްރެސްއެއް ނޫން، މިހެން ބުނަން ޖެހުނީތީ ދެރަވޭ، އަދި ޒީނަތުގެ ކިބައިން ވެސް މައާފަށް އެދެން. އޭނާއަށް ލިބުނީ ކިތައް އެވޯޑު؟ ކޮންމެ މީހަކަށް ތަރިއެއްގެ ނަން ދޭ ނަމަ އެކަން ވާނީ ކިހިނެއް؟" މުމްތާޒް ގަބޫލުކުރާ ގޮތުގައި ދިލިޕް ކުމާރު، ދޭވް އާނަންދު އަދި ޝައްމީ ކަޕޫރަކީ ހަގީގީ ތަރިންނެވެ. ނަމަވެސް، ލީޑް ރޯލުތަކާއި ސަޕޯޓިން ރޯލުތައް ކުޅުނު ސަންޖީވް ކުމާރަކީ އެފަދަ ތަރިއެއް ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ. ކުރީގެ ފިލްމީ ތަރިން ކަމަށްވާ މުމްތާޒް އަދި ޒީނަތު އަމާން--ފޮޓޯ/ބޮލީވުޑްހަންގާމާ ނަމަވެސް، މިހާރު ވެސް ގިނަބައެއްގެ ލޯތްބާއި އިހުތިރާމު ހޯދާފައިވާ ޒީނަތަކީ 70އިގެ އަހަރުތަކުގެ ހަގީގީ "ފެޝަން ޑީވާ"އެވެ. ޒީނަތު ފުރަތަމަ މަޝްހޫރުވީ 1970 ވަނަ އަހަރު "ފެމިނާ މިސް އިންޑިއާ" އަދި "މިސް އޭޝިއާ ޕެސިފިކް އިންޓަނޭޝަނަލް" ކާމިޔާބު ކުރުމާ ގުޅިގެންނެވެ. ޒީނަތު ފިލްމީ ދާއިރާއަށް ތައާރަފުވީ ހަމަ އެ އަހަރުގެ ފިލްމު "ދަ އީވިލް ވިދިން"އިންނެވެ. ނަމަވެސް، ޒީނަތަށް ބޮޑު ކާމިޔާބީއެއް ލިބުނީ 1971 ވަނަ އަހަރުގެ "ހަރޭ ރާމާ ހަރޭ ކްރިޝްނާ" އިންނެވެ. ޒީނަތުގެ ފާހަގަކޮށްލެވޭ އެހެން ފިލްމުތަކުގެ ތެރޭގައި "ޔާދޯން ކީ ބާރާތު" (1973)، "ރޯޓީ ކަޕްޅާ އައުރް މަކާން" (1974)، "ދަރަމް ވީރު" (1977) އަދި "ޑޮން" (1978) ހިމެނެއެވެ. ޒީނަތު އެންމެ ފަހުން ފެނިގެންދިޔައީ 2025 ވަނަ އަހަރުގެ ނެޓްފްލިކްސް ސީރީޒް "ދަ ރޯޔަލްސް"އިންނެވެ. މުމްތާޒް އޭނާގެ ފިލްމީ މަސައްކަތް ފެށީ 1958 ވަނަ އަހަރު އުމުރުން އެންމެ 11 އަހަރުގައި "ލަޖްވްންތީ"އިންނެވެ. އޭނާއަށް ބޮޑު މަގުބޫލުކަމެއް ލިބުނީ 1969 ވަނަ އަހަރުގެ "ދޯ ރާސްތޭ"އިންނެވެ. އޭގެ ފަހުން "ބަންދަން" (1969)، "ސައްޗާ ޖޫޓާ (1970)، "ކިލޯނާ" (1970) އަދި "ހަރޭ ރާމާ ހަރޭ ކްރިޝްނާ" (1971) ފަދަ ކާމިޔާބު ފިލްމުތަކުން އޭނާ ވަނީ މަޝްހޫރުކަން ހޯދާފައެވެ. މުމްތާޒް އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ 1991 ވަނަ އަހަރުގެ "އާންދިއާން" އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ