މިއަހަރު ފުރަތަމަ ކުއާޓަރު ނިމިގެންދިޔައިރު ސަރުކާރުން އެންމެ ބޮޑަށް ތައްޔާރުވީ ދަރަނިތައް ދެއްކުމަށެވެ. ދަރަނިތައް ދެއްކުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިއަހަރު މިހާތަނަށް ގިނަ ދަރަނިތަކެއް ރޭވުންތެރިކަމާއެކު ވަނީ ދައްކާފައެވެ. މިއަހަރަކީ ރާއްޖެއިން ބިލިޔަނަކަށް ވުރެ ގިނަ ޑޮލަރު ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އަހަރެކެވެ.
ބައިނަލްއަޤްމްވާމީ މާލީ އިދާރާތަކާއި، އެކި ފަރާތްތަކުން ނެރެފައިވާ ބަޔާންތަކަށް ބަލާއިރު ރާއްޖޭގެ ނާޒުކު އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ބޭރުގެ ފަރާތްތަކުން އިތުރު އެހީތެރިކަން ލިބުމުގައި ދަތިތަކެއް ހުރުމާއެކު ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ބަނގުރޫޓު ވެދާނެ ކަމަށްވެސް އޭރު އެފަރާތްތަކުން ދިޔައީ ބަޔާންކުރަމުންނެވެ.
ނަމަވެސް މިއަދު އެ ހާލަތު ބަދަލުކޮށް ބައިނަލްއަޤްވާމީ ބާޒާރުތައް ނާޒުކު ހާލަތެއްގައި އޮތްއިރުވެސް، ބޮޑު ދަރަނިތަކެއް މިވަނީ އަދާކޮށްފައެވެ. މިއަހަރު މިހާތަނަށް މައި ބޮޑު ދެ ދަރަންޏެއް އަދާކޮށްފައިވާއިރު، ދައްކަންޖެހޭ އިތުރު ދަރަންޏެއްގެ މުއްދަތު ވަނީ ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު ފަސްކޮށްފައެވެ.
އެންމެ ފުރަތަމަ ސަރުކާރުން މިއަހަރު ދައްކާފައިވާ ދަރަނިތަކުގެ ތެރޭގައި ފާހަގަކޮށްލެވެނީ 500 މިލިޔަން ޑޮލަރުގެ ސުކޫކެވެ. މިއީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ޚަރަދުތައް ފޫބެއްދުމަށް ނަގާފައިވާ ބޮޑު ދަރަންޏެކެވެ. މި ސުކޫކުގެ މުއްދަތު ހަމަވުމުގެ ހަފުތާއެއް ކުރިން މި ސުކޫކަށް 500 މިލިޔަން ޑޮލަރު އަދި އޭގެ ކޫޕަން ޕެއިމެންޓުގެ ގޮތުގައި ހިމެނޭ 25 މިލިޔަން ޑޮލަރު ހިމެނޭ ޖުމްލަ 525 ޑޮލަރު ވަނީ ދައްކާފައެވެ. މިއީ ގާތްގަނޑަކަށް 8.1 ބިލިޔަން ރުފިޔާއެވެ. ސުކޫކް އެއްކޮށް އަނބުރާ ދެއްކީ އަހަރަކު ދެފަހަރު ދައްކަން ޖެހޭ ސުކޫކްގެ ކޫޕަން ޕޭއިމެންޓްތައްވެސް ކަނޑައެޅިފައިވާ ތާރީޙުތަކުގައި ދެއްކުމާއެކުއެވެ.
މި ދަރަނި ދައްކާފައިވަނީ ދައުލަތުގެ ރިޒާވް އަދި ބޭރުގެ ދަރަނިތައް ދެއްކުމަށް ހާއްސަކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ބޭނުންކޮށްގެންނެވެ. މިކަން ކުރުމަށް އިތުރު ދަރަންޏެއް ނަގާފައި ނުވެއެވެ. ސަރުކާރުން ދެއްކި 500 މިލިޔަން ޑޮލަރުގެ ސުކޫކު އޭރުގެ ސަރުކާރުން ނެގި އެއް ސަބަބަކީ އޭގެ ކުރިން ނަގާފައި އޮތް 250 މިލިޔަން ޑޮލަރުގެ ބޮންޑެއް ދެއްކުމަށެވެ. އެ ބޮންޑު ދެއްކުމުގެ އިތުރަށް އިތުރު 250 މިލިޔަން ޑޮލަރު ނެގީ ޚަރަދުތައް ފޫބެއްދުމަށެވެ. އެހެންނަމަވެސް މި ދެބަޔަށް ވާ މުޅި ޖުމްލަ އެއްކޮށް ސަރުކާރުން އަދާކުރީ އެފަދަ ފިޔަވަޅެއް ނާޅާ ހަރުދަނާ ސިޔާސަތުތަކެއް ތެރެއިންނެވެ.
މީގެ އިތުރުން ކުރު މުއްދަތުގެ އަދާކުރާ ލޯނެއްވެސް މިހާރު މިވަނީ ދައްކާފައެވެ. ރިޒާވް ބެންކު އޮފް އިންޑިޔާއިން 2024 ވަނަ އަހަރު ނަގާފައިވާ 400 މިލިޔަން ޑޮލަރުގެ ލޯނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން މިހާރު ދައްކައި ޚަލާސްކޮށްފައިވާކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ. މިއީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޤާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން ދޫކުރި ލޯން ފެސިލިޓީއެކެވެ.
އިންޑިއާގެ މަރުކަޒީ ބޭންކުގެ 400 މިލިޔަން ޑޮލަރުގެ ލޯނު ދައްކާފައިވާއިރު އިންޑިޔާއިން މިހާރު ވަނީ އިތުރު 30 ބިލިޔަން އިންޑިއާ ރުޕީސް ނުވަތަ 319 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ރާއްޖެއަށް ހަމަޖައްސައިދީފައެވެ. އިންޑިއާގެ ރުޕީސްއިން ދީފައިވާ މި ލޯނުގެ ސަބަބުން، މިވަގުތު ކުރިމަތިވަމުންދާ މާލީ ދަތިތަކަށް ހައްލު އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތް ކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ވިދާޅުވީ މި ލޯނަކީ، ގިނަ ލުއިތަކަކާއި އެކު ދޫކޮށްފައިވާ ލޯނެއް ކަމަށެވެ.
މިއަހަރު ދައްކާފައިވާ ލޯނުތަކުގެ އިތުރުން، މިމަހަށް މުއްދަތު ހަމަވާ އަބޫދާބީ ފަންޑުގެ 100 މިލިޔަން ޑޮލަރުގެ ދަރަންޏެއްވެސް ސަރުކާރުން ވަނީ ރޯލް އޮވާ ކޮށްފައެވެ. މި ދަރަންޏަކީ 2018 ވަނަ އަހަރު އެޕްރީލް މަހު ނަގާފައިވާ ދަރަންޏެކެވެ. ސަރުކާރުން މިދަރަނި ދެއްކުން ފަސްކުރުމަށް އެދިފައިވަނީ، މިއަހަރު ސުކޫކް ފަދަ ބޮޑު ދަރަންޏެއް ދެއްކުމަށް އޮތްއިރު އެއްފަހަރާ ދައްކަންޖެހޭ ދަރަނިތަކަށް ލުއިތަކެއް ހޯދުމަށެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ރާއްޖެއަށް ހަމަޖައްސައިދިން 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރުވެސް ސަރުކާރުން ވަނީ ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކުރެއެވެ. އަދި އޭރު 50 މިލިޔަން ޑޮލަރުގެ ދެ ދެ ބަޔަކަށް ބަހައިގެން ދައްކަންޖެހޭ 100 މިލިޔަން ޑޮލަރު ދެއްކުން އޮތީ އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ފަސްކޮށްދީފައެވެ.
އިންޑިއާގެ އިތުރުން ޗައިނާއަށްވެސް ދައްކަންޖެހޭ ދަރަނިތަކުގެ ލުއިތަކެއް ސަރުކާރުން ހޯދާފަިއވާއިރު، ސަރުކާރުން ދަރަނި ދެއްކުމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތު ވަރަށް ބޮޑަށް ދަނީ ފެންނަމުންނެވެ. ހާއްސަކޮށް ދަރަނިތައް ދެއްކުމުގައި ޤައުމުތަކާއި އޮންނަ ގުޅުންތަކުގެ ތެރެއިން ލުއިތައް ހޯދައި، އިތުރު ބޮޑު ދަރަންޏެއް ނެގުމަކާއި ނުލައި ދަރަނި ދެއްކުން ފާހަގަކުރެވެއެވެ.
ބަނގުރޫޓުވެދާނެ ކަމުގެ އިންޒާރު ދިން ރާއްޖެއިން މިއަދު ދައްކުވައިދިން ހަޤީޤަތަކީ ދިވެހި މާލީ އަދި އިޤްތިޞާދުގެ ވިލުންތެރިކަމެވެ. ރޭވުންތެރިކަމާއެކު މަސައްކަތްކޮށްގެން މީގެ ކުރިން ދަރަނި ނަގައި ދަރަނި ދެއްކުމަށް އޮތް ސަޤާފަތެއް އެއްކޮށް ދޫކޮށްލައި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަރުކުރުމެވެ. މިއީ ހަރުދަނާ މާލީ ނިޒާމެއް ޤައުމުގައި އޮތް ކަމުގެ އެންމެ ބޮޑު ހެއްކެވެ.
ހަރުދަނާ ސިޔާސަތުތަކެއް ތެރެއިން ދަރަނިތައް ދެއްކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ