ޓީޓީ ދޫކުރުން މަދެއް ނުކުރަން؛ އުސޫލުތައް ހަރުދަނާ ކޮށްފިން: ބީއެމްއެލް

ޓީޓީއަށް ޑޮލަރު ދޫކުރާ ނިސްބަތް އަދި އަދަދު ވެސް މަދު ނުކުރާ ކަމަށާއި ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ހަރުދަނާކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ވިޔަފާރިތަކަށް ބޭނުންވާ މިންވަރަށް ބީއެމްއެލް އިން ޓީޓީ ދޫނުކުރާ ކަމަށް ބުނެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ވެސް ބޭންކަށް ރައްދުކުރަމުންދާ ފާޑުކިޔުންތަކަށް ބީއެމްއެލް އިން މިއަދު ވަނީ ޖަވާބުދީފަ އެވެ.
ތަފްސީލް - ބީއެމްއެލްގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ބައެއް ވިޔަފާރިތަކުން، އެ ވިޔަފާރީގެ އާމްދަނީ ނުވަތަ ވިޔަފާރީގެ ކުޑަބޮޑުމިނަށް ބަލާއިރު މާ ބޮޑެތި އަދަދުތަކުން ޓީޓީއަށް އެދި ހުށަހަޅާ ކަމަށެވެ.
"އިންޓެންޝަނަކީ ވިޔަފާރިއެއްގެ ނިސްބަތުން އެތަނަކަށް ޑޮލަރު ފޯރުކޮށްދިނުން،" ބޭންކުން އެޅި ހަރުދަނާ ފިޔަވަޅުތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް 100،000 ޑޮލަރު ފޮނުވަން މިއަދު އަތުވެއްޖެއްޔާ ބޭންކަށް ދެވޭނީ އޮންނަ އުސޫލުގެ ތެރެއިން 10،000 ޑޮލަރު ނޫންތޯ؟ %50 އެއީ 50،000 ޑޮލަރު ނަމަވެސް ކެޕެއް އެބަ އިނދޭ. 10،000 ޑޮލަރު ވީމާ އޭތި ގިނައިން ހޯދަން މި ހަދާ ގޮތަކީ އޭތި 10 ބަޔަށް ބަހާލަނީ. ބަހާފައި 10 ޓްރާންސެކްޝަން ހަދަނީ،" ޝަރީފް ވިދާޅުވި އެވެ.
"10 ޓީޓީއަށް އައީމާ، ކޮންމެ ޓީޓީއަކަށް ވެސް %50 ދޭން ޖެހޭ ކަހަލަ ގޮތަކަށް."
ޝަރީފް ވިދާޅުވީ ޓީޓީ ދޭ އުސޫލަށް ބަދަލު ނުގެންނަ ކަމަށާއި ޓީޓީ ދޫކުރާ މިންވަރު މަދު ވެސް ނުކުރާ ކަމަށެވެ.
"މިސާލަކަށް މި މަހުގެ ތެރޭގައި މިހާތަނަށް 100،000 ޑޮލަރު ވިއްކިފައި ހުރެއްޖެ ނަމަ އަނެއްކާވެސް މިއަދު ދެ ޓީޓީއެއް ހިފައިގެން އައިސްފި ނަމަ ބުނެފާނެ [ބޭންކުން] ބަލަނީ މިހެންނޭ. މިވެނި އަދަދަކަށް ޓީޓީ ވިއްކައިފީމެއް ނޫންހޭ. ކަސްޓަމަރުން ވެސް ގަބޫލު ކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.
ބައެއް ވިޔަފާރިތަކުން، އެ ވިޔަފާރިތަކާ ނުބައްދަލު އަދަދުތަކުން ޓީޓީ ހަދާކަން ވެސް ޝަރީފް ފާހަގަ ކުރެއްވި އެވެ.
"މަހަކު 200،000 ޑޮލަރު ނޫނީ 100،000 ޑޮލަރު ފޮނުވާއިރު އެވަރުގެ އާމްދަނީއެއް ލިބިފައި އޮންނަންވާނެތާ. މި ކަންތައް ބެލެހެއްޓުމަކީ [ބޭންކު]ގެ ޒިންމާއެއް،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ޓީޓީތައް ބައިބަޔަށް ބަހައިގެން ފޮނުވުމަށް ފަހު ބޭރުން އިންވާޑް ރެމިޓެންސްގެ ގޮތުގައި ބޭރު ފައިސާ ގެނެސް އެ ފައިސާ ބްލެކް މާކެޓުގައި ވިއްކުމުގެ ފުރުސަތު ވެސް އޮންނަ ކަމަށެވެ.
"އަޅުގަނޑުމެން ވެސް ވަރަށް ބޮޑަށް ވެރިފައި އެބަކުރަން ވިއްކޭ ވަރު، ދެވޭ މިންގަނޑު،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އެއް ސަޕްލަޔަރަކަށް ފޮނުވާ އެތައް ޕޭމެންޓެއް ވެސް އަންނަ ކަމަށެވެ.
"މިއީ ގަބޫލު ކުރެވޭ ކަމެއް ނޫނެއްނޫންތޯ؟ އޭނައަށް ފޮނުވާނީ އެއް ޓީޓީތާ. ކީއްވެތޯ އޭނައަށް 10 ޓީޓީ ފޮނުވަނީ. މިއަދު ކީއްވެތޯ 10 ފަހަރު ފޮނުވަނީ 1 ފަހަރު ފޮނުވޭނެ އެއްޗެއް؟ ފީ ވެސް ކުޑަވާނެ ނޫންތޯ؟،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ނާޖާއިޒު ފައިދާ ހޯދާ ކަންތައް ފާހަގަކޮށް، އެ ކަންތައް ހައްލު ކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
އެނގުން މުހިންމު - ޝަރީފް ވަނީ މި އަހަރުގެ މިހާތަނަށް ޓީޓީގެ ގޮތުގައި ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ ތަފާސްހިސާބު ވެސް ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން:
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 106.2 މިލިއަން ޑޮލަރު ވިއްކި
އެއީ މަހަކަށް އެވްރެޖުކޮށް 35.4 މިލިއަން ޑޮލަރު
މި މަހު އެކަނި ވެސް އިއްޔެގެ ނިޔަލަށް ޓީޓީގެ ގޮތުގައި 27 މިލިއަން ޑޮލަރު ވިއްކި؛ އެއީ 7،200 ޓީޓީ
މި ހަފްތާގެ އާދިއްޔަ އަދި ހޯމަ ދުވަހު އެކަނި ވެސް 2 މިލިއަން ޑޮލަރު ޓީޓީއަށް ވިއްކި؛ އެއީ 615 ޓީޓީ
މިދިޔަ އަހަރު އެވްރެޖުކޮށް މަހަކު ވިއްކީ 14.6 މިލިއަން ޑޮލަރު
ބީއެމްއެލް އިން ހުރިހާ ފަންތިއެއްގެ ވިޔަފާރިއަކަށް ވެސް ޓީޓީ ފޮނުވައިދެމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އިންޓަނޭޝަނަލް ރެގިއުލޭޝަންތަކުގެ ތެރެއިން ހުއްދަ ކުރާ ވިޔަފާރިތަކަށް އަޅުގަނޑުމެންނަށް މި އުސޫލުގެ ތެރެއިން ފައިސާ ދޫކުރާނެ. ކޮންމެ ހިދުމަތަކަށް ވެސް މުދާ ގެނައުމަށް ވެސް،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ