ކުޑަކުދިންނަށްކުރާ އަނިޔާގެ 92 މައްސަލައެއް މިދިޔަ މަހު

ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި މިދިޔަ މަހު ރިޕޯޓުކޮށްފައިވާ އެކި ބާވަތުގެ 92 މައްސަލައިގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައްކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ތަފާސްހިބުތަކުން ދައްކައިފިއެވެ. މިދިޔަ މަހުވަނީ އަނިޔާއާއި ގުޅުންހުރި 230 މައްސަލަ އެވުޒާރާއަށް ހުށައަޅާފައެވެ.
ޢާއިލާތަކުން ރިޕޯޓުކުރާ އަނިޔާގެ އެކި މައްސަލަތައް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ސިއްޙަތާ ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިންދަނީ ބަލާ ފިޔަވަޅު އަޅަމުންނެވެ. އެވުޒާރާއިން ހާމަކޮށްފައިވާ އަނިޔާއާއި ގުޅުންހުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުވަނީ އަޔާގެ 230 މައްސަލައެއް ހުށައަޅާފައެވެ.
މީގެތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއެވެ. އެފަދަ 92 މައްސަލަ ހުށައަޅާފައިވާއިރު އޭގެތެރޭގައި އެންމެ ގިނައީ އިހުމާލުގެ މައްސަލައެވެ.
އިހުމާލުގެ 24 މައްސަލަ މިދިޔަ މަހުވަނީ ހުށައަޅާފައެވެ. މީގެއިތުރުން އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 19 މައްސަލައާއި ޖިސްމާނީ ހާނިއްކައިގެ 18 މައްސަލައާއި ޖިންސީ ހާނިއްކައިގެ 13 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ 6 މައްސަލަވަނީ ރިޕޯޓުކޮށްފައެވެ.
މިބާވަތުގެ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީގޮތުން "ގްރޫމް" ކުރުމުގެ 5 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 2 މައްސަލައާއި އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިން "ގްރޫމް" ކުރުމުގެ މައްސަލައަކާއި ކުޑަކުދިންގެ ބަދުއަހުލާޤީ އަމަލު ހިންގާ ވީޑިއޯގެ މައްސަލައަކާއި އެހެނިހެން 3 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.
ޢާއިލާއާ ބެހޭ ވުޒާރާއަށް މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ޢާއިލީ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު އެފަދަ 33 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. މީގެތެރޭގައި ކުދިން ބެލުމުގައި ޖެހޭ 14 މައްސަލައާއި، ކުދިންނާ ބައްދަލުކުރުމުގައިޖެހޭ 14 މައްސަލައާއި، ޙަޟާނާގެ 4 މައްސަލައާއި އެހެނިހެން ކަންކަމާއި ގުޅޭ މައްސަލައެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 50 މައްސަލަވަނީ މިދިޔަ މަހު ރިޕޯޓުކޮށްފައެވެ. މީގެތެރޭގައި ޖިސްމާނީ އަނިޔާގެ 24 މައްސަލައާއި ނަފްސާނީ އަނިޔާކުރުމާއި އަނގަބަހުން ކުރެވޭ އަނިޔާގެ 12 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.
މީގެއިތުރުން ބިރުދެއްކުމުގެ 4 މައްސަލައާއި، ޖިންސީ ހާނިއްކައިގެ 2 މައްސަލައާއި، އިހުމާލުވުމުގެ 2 މައްސަލައާއި، މާލީ، އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގެ ހުރަސްއެޅުމުގެ 02 މައްސަލަ، ފާރަލުމުގެ މައްސަލައަކާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައަކާއި ހިފެހެއްޓުމުގެ އަމަލު ހިންގުމުގެ މައްސަލައަކާއި ގަދަކަމުން ގެއަށް ވަނުމާއި ގުޅޭ މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅުންހުރި 16 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.
އަނިޔާއާއި ގުޅުންހުރި މައްސަލަތައް އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު މައްސަލަތައް މަދުކޮށް އަމާން މުޖުތަމަޢެއް ބިނާކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއެކުދަނީ މަސައްކަތް ކުރަމުންނެވެ. އަދި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީވުމަށްވެސް އެކި މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ