އީރާނުން މަޝްވަރާއަށް ނައިސްފިނަމަ ދުވަހަކުވެސް ނުދެކޭ ފަދަ މައްސަލަތަކާ ކުރިމަތިލާންޖެހޭނެ - ޓްރަމްޕް

އީރާނުން މަޝްވަރާ ކުރާނެކަމަށް އުއްމީދުކުރާ ކަމަށާއި މަޝްވަރާ ނުކޮށްފިނަމަ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ މައްސަލަތަކާ އީރާނުން ކުރިމަތިލާންޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް މިހެން ބުނީ ޕާކިސްތާންގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށް އީރާނުން ބުނުމުން މަޝްވަރާތައް ރޭވިފައިވާގޮތައް ކުރިއަށް ގެންދެވިދާނެކަމާއިމެދު ސުވާލުއުފެދިފައިވަނިކޮށެވެ.
ކޮންޒަވޭޓިވް ރޭޑިއޯ ޕްރޮގްރާމެއް ކަމަށްވާ "ދަ ޖޯން ފްރެޑްރިކްސް ޝޯ" އަށް ދިން ކުރު ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ އީރާނުން މަޝްވަރާގެ މޭޒަށް އަންނާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި އެގޮތަށް އަމަލުނުކޮށްފިނަމަ، ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ނަތީޖާތަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރުވެސް ދިނެވެ.
"އުންމީދަކީ އެމީހުން އިންސާފުވެރި އެއްބަސްވުމެއް ގާއިމުކޮށް، އެމީހުންގެ ގައުމު އަލުން އާރާސްތުކުރުން،" ޓްރަމްޕް ބުންޏެވެ. އަދި އެގޮތަށް އަމަލުކުރާއިރު "އެމީހުންގެ އަތުގައި ނިއުކްލިއާ ހަތިޔާރެއް ނޯންނާނެ" ކަމަށްވެސް އިތުރަށް ބުންޏެވެ.
ފޯނު ކޯލް ނިންމާލުމުގެ ކުރިން، އަސްކަރީ ފިޔަވަޅު އެޅުމަށް ނިންމި ސަބަބު ޓްރަމްޕް އަލުން ހަނދާންކޮށްދިނެވެ. "އަދި އަޅުގަނޑު ބުނަންޖެހޭނީ އީރާނުގެ މައްސަލައިގައި އަޅުގަނޑުމެންނަށް އިތުރު ގޮތެއް ނެތް ކަމަށް،" އޭނާ ބުންޏެވެ. "އެއީ އަޅުގަނޑުމެން އިޚްތިޔާރުކުރި ގޮތެއް ނޫން. އެކަން ކުރަން އަޅުގަނޑުމެންނަށް މަޖުބޫރުވީ." ޓްރަމްޕް ބުންޏެވެ.
އީރާނަށް ދިން ހަމަލާތަކާ ގުޅޭގޮތުން އެމެރިކާގެ މީޑިއާތަކުން ޚަބަރު ފަތުރާ ގޮތަށް މިއަދު ޓްރަމްޕް ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މިދިޔަ އަހަރު އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ބޮމުގެ ހަމަލާތަކާ ގުޅޭގޮތުން ސީއެންއެން އާއި އެހެނިހެން މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ގޮތަށް ފާޑުވިދާޅުވުމަށް އެމެރިކާގެ ރައީސް ބޭނުންކުރެއްވީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތް ސޯޝަލް' އެވެ. "އޮޕަރޭޝަން މިޑްނައިޓް ހެމަރ އަކީ އީރާނުގެ ނިއުކްލިއާ ޑަސްޓް ސައިޓްތައް އެއްކޮށް ސުންނާފަތިކޮށްލި އޮޕަރޭޝަނެއް. އެހެންކަމުން، އެތަންތަން އަލުން ކޮނެގެން ސާފުކުރުމަކީ ދިގު އަދި އުނދަގޫ މަރުހަލާއަކަށް ވާނެ،" ޓްރަމްޕް ލިޔެފައިވެއެވެ..
"ފޭކް ނިއުސް ސީއެންއެން އާއި، ކޮރަޕްޓްވެފައިވާ އެހެނިހެން މީޑިއާ ނެޓްވޯކްތަކާއި ޕްލެޓްފޯމްތަކުން އަޅުގަނޑުމެންގެ މޮޅު ވައިގެ ސިފައިންނަށް ހައްގުވާ ކްރެޑިޓެއް ނުދޭ. އަބަދުވެސް ބަލަނީ އެމީހުންގެ އަގުވައްޓާލައި ކުޑައިމީސްކުރަން" ޓްރަމްޕް ބުންޏެވެ.
މި މޭރުމުން ޓްރަމްޕް ވާހަކަދައްކާފައި މިވަނީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިން އޭނާ "ވަރަށް ބޮޑަށް" މޮޅުވަމުންދާ ކަމަށް ބުނިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ. ނަމަވެސް ނިއުޔޯކް ޓައިމްސް، ވޯލް ސްޓްރީޓް ޖާނަލް އަދި ވޮޝިންޓަން ޕޯސްޓް ފަދަ ނޫސްތަކުން ޚަބަރު ފަތުރަނީ އެމެރިކާ ހަނގުރާމައިން ބަލިވަމުންދާ ފަދަ ގޮތަކަށް ކަމަށް އޭނާ ތުހުމަތުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ