ޑޮލަރުގެ އަގު ދަށްވާނެ އިރެއް ނުދެންނެވުނު

ޑޮލަރުގެ އަގު އުފުލި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާ އިރު، އަގު ދަށްވާނީ ކޮން އިރަކުންތޯ ކުރި ސުވާލަށް ޖަވާބު ނުދެއްވައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތަފާސްހިސާބުތަކެއް ހިއްސާކުރައްވައިފި އެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް އާއި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ވަނީ ޑޮލަރުގެ އަގު ދަށަށް ދާނީ ކޮންއިރަކުންތޯ ސުވާލު ކުރައްވާފަ އެވެ.ނަމަވެސް، ޑޮލަރުގެ އަގު ދަށަށް ދާނެ ދުވަހެއް ނުދަންނަވައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ ބަނގުރޫޓް ކޮށްލީ އެމްޑީޕީ ސަރުކާރުން ކަމަށާއި ބަނގުރޫޓް ވިޔަނުދީ ސަލާމަތްކުރީ މި ސަރުކާރުން ކަމަށެވެ.އެއަށްފަހު ބޭރަށް ފައިސާ ފޮނުވުމަށާއި ޓީޓީ ހެދުމަށް އަދި ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް ކާޑުން ކުރި މުއާމަލާތްތަކަށް ޑޮލަރު ހޭދަކުރި އަދަދުގެ ތަފުސީލު ދެއްވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ރާއްޖެއިން ބޭރުން ތަކެތި ގަތުމަށާއި ހިދުމަތް ހޯދުމަށް ކާޑުން ކުރި ހަރަދުތަކަށް 129.9 މިލިއަން ޑޮލަރު ވިއްކި އެވެ. އެއީ މިދިޔަ އަހަރަށްވުރެ 23 ޕަސެންޓް އިތުރު އަދަދެއް ކަމަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި މަހުގެ ފުރަތަމަ 15 ވަނަ ދުވަހު ތެރޭގައި ކާޑުގެ މުއާމަލާތުތަކަށް 22 މިލިއަން ޑޮލަރު ވިއްކި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ