މަސްވެރިކަމުގެ ހަގީގީ ރޫހު ގެއްލުނީ ސިޔާސީ ކުރުމުން: އައްބާސް
ރާއްޖޭގެ މަސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން އެންމެ މުހިންމުކަމެއް ދީގެން، ހަގީގީ ރޫހާއި ޖޯޝުގައި ކުރަމުން އައި ގައުމީވަންތަ މަސައްކަތެއް ކަމަށާއި ނަމަވެސް, އެ މަސައްކަތުގެ ރޫހު ގެއްލުވާލައި މަސްވެރިކަން ފުޑާލީ ސިޔާސީ ފަރާތްތަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ، މަސްވެރިކަމަކީ ދިވެހިންގެ ކާބަފައިންގެ ޒަމާނުން ފެށިގެން ވެސް ވަރަށް ބޮޑު ރޫޙަކާއި ފޯރިއެއްގައި ކުރަމުން އައި މަސައްކަތެއް ކަމަށެވެ. އަދި، މަސްވެރިކަމަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އައްބާސް ފާހަގަކުރެއްވި ގޮތުގައި މަސްވެރިކަމުގެ ޤާނޫނުތައް ހަދައި، އެއަށް އިސްލާހުތައް ގެނައި ކަމުގައި ވިޔަސް، އެންމެ މުހިންމީ އެ ޤާނޫނުތަކަށް އަމަލުކުރުމެވެ. މަސްވެރިކަމުގެ ޤާނޫނެއް ހެދި ފަހުން އެތައް ސަރުކާރެއް އައިސްފައިވީ ނަމަވެސް، އެ ޤާނޫނަށް އަމަލުކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މަސައްކަތް ކުރި ސަރުކާރެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/215282 ސަރުކާރުތަކުން ވެރިކަމަށް އައުމަށްޓަކައި މަސްވެރިންނަށް އެތައް ފޮނި ވައުދުތަކެއް ވެފައިވާކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވީ، ގޭދޮށުގައާއި އެކި ސަރަހައްދުތަކުގައި މަސް ފެކްޓްރީތައް ހަދައިދޭނެ ކަމަށް ބުނެ ދެއްކި ވާހަކަތަކަކީ ހަމައެކަނި ވެރިކަން ދަމަހައްޓަން ދެއްކި ވާހަކަތަކެއްކަން މިއަދު ހާމަވެފައިވާ ކަމަށެވެ. މިދިޔަ ސަރުކާރާއި މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އައްބާސް ވިދާޅުވީ، މަސްވެރިންނަށް ފެނަކަ ފަދަ ކުންފުނިތަކުން ވަޒީފާ ދީގެން މަސް އުޅަނދުތައް ފަޅުގައި ބަނދަރުކޮށްފައި ބޭތިއްބުމަކީ މަސްވެރިކަމުގެ ރޫހު ނެތިދިއުން ކަމަށެވެ. "މިދިޔަ ސަރުކާރުން ހުރިހާ މަސްވެރިންތައް، މަސްވެރި އުޅަނދުތަކެއް ފަޅުގައި ބަނދަރުކޮށްފައި، އެ މީހުންނަށް ދިނީ ފެނަކައާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާ،" އައްބާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަސްވެރިންނަކީ ހިހޫތަނުން ކައިލައިގެން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި މަސްވެރިކަމުން ލިބޭ ބޮޑު އާމްދަނީ ދޫކޮށްލައި ކުޑަ މުސާރައަކަށް ސަރުކާރު ވަޒީފާތަކުގައި ތިބުމުގެ ބަދަލުގައި، މަސްވެރިކަމުގެ ހަގީގީ ފޯރި އަލުން އާލާކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ