ފުވައްމުލަކުގައި 18 އަހަރު ނުފުރޭ ކުއްޖަކު ދުއްވި ސައިކަލެއް އެކްސިޑެންޓު ވެއްޖެ
ފުވައްމުލަކުގައި 18 އަހަރު ނުފުރޭ ދެކުދިން ދުއްވި ސައިކަލެއް މިއަދު އެކްސިޑެންޓުވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި ފުވައްމުލަކު ސިޓީ، މާލެގަން، ނަރުގިސްމަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ މިއަދު 13:30 ކަށްހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭނާ ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވި ސައިކަލު ދުއްވާފައި ވަނީ 18 އަހަރު ނުފުރޭ ކުއްޖެއް ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ދެކުއްޖަކަށް އަނިޔާ ވެގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ސޯޝަލް މީޑިއާގައި ވަނީ މި އެކްސިޑެންޓުގެ ސީސީޓީވީ ވީޑިއޯ ފުޓޭޖު ވެސް އާއްމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ގޯޅިއެއްގެ ކަންމަތިން ނުކުތް ސައިކަލު މަގަށް ނުކުންނަށް މަޑުކޮށްލައިގެން އިންދައި، މަގުން އައި ސައިކަލު ވަނީ ކޮންޓްރޯލުން ނައްޓައި، އަނެއް ސައިކަލުގައި ޖެހި ވިއްސައިގެން ގޮސްފައެވެ. އަދި އެ ސައިކަލު ދުއްވަން އިން ކުއްޖާ ވެސް ދުރަށް ވިއްސައިގެން ދިޔަ މަންޒަރު ފެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވެސް 18 އަހަރުން ދަށުގެ ކުޑަކުދިން، ލައިސެންސް ނެތި ދުއްވުމުގެ ސަބަބުން ބޮޑެތި އަނިޔާ ލިބި، ފުރާނަ ގޮސްފައި ވެސް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ