ގައުމީ ފުޓްސަލް ޓީމާއި ފުޓުބޯޅަ ޓީމަށް އެއް މިލިޔަން ރުފިޔާގެ ބޯނަހެއް ދޭން ރައީސް ނިންމަވައިފި

ދިވެހި ގައުމީ ފުޓްސަލް ޓީމާއި ފުޓުބޯޅަ ޓީމަށް އެއް މިލިޔަން ރުފިޔާގެ ބޯނަހެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
އެކަން ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިޢު ވަނީ އިއުލާނު ކުރައްވާފަ އެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ރާފިޢު ވިދާޅުވި ގޮތުގައި މި ފައިސާ އެފްއޭއެމް މެދުވެރިކޮށް ޓީމުތަކަށް ފޯރުކޮށްދޭނެ އެވެ.
ރާއްޖެއަށް ރީތި ނަން ހޯދައިދޭ ގައުމީ ޓީމުތަކަށް ބޯނަހެއް ދެއްވަން ރައީސް ނިންމެވީ ގައުމީ ޓީމާއެކު ސިޓްރޮން ރެސްޓޯރެންޓުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ކަމަށް ވިދާޅުވި އެވެ. ރައީސް ވަނީ ސްރީލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބު ކުރި ގައުމީ ޓީމުގެ ކުޅުންތެރިންނާއި މިދިޔަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ބައްދަލު ކުރައްވާފަ އެވެ.
ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖެ ވަނީ ހޯދާފަ އެވެ. ފަހުރުވެރި އެ ކާމިޔާބީ ގައުމީ ޓީމުން ހޯދީ އެއްވެސް މެޗަކުން ބަލިނުވެ އަދި ބާކީ އެއް މެޗު ވެސް އޮއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ