މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު ޚިޔާލު ހޯދަން ސިޔާސީ ޕާޓީތަކާއި، އީސީ އަދި އޭޖީއާ ބައްދަލުކުރަނީ

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ސިޔާސީ ޕާޓީތަކާއި، ބަންޑާރަނައިބުގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޚިޔާލު ހޯދުމަށް އަންނަ މަހުގެ ދެވަނަ ދުވަހު ބައްދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ފަސް މިނެޓުގެ ބައްދަލުވުމުގައި ވެރިކަންކުރާ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ދިވެހިރާއްޖޭގެ ޑިމިކްރަސީ ހިނގަމުން ދަނީ މަލްޓިޕާޓީ ސިސްޓަމެއްގެ ތެރެއިން ކަމަށް ވާތީ، މި އިސްލާހު، ކޮމިޓީގެ މަސައްކަތް ތެރޭގައި ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިންތިޚާބުތައް ބޭއްވުމުގައި ގާނޫނީ ގޮތުން އަދާކުރާ ޒިންމާތައް އަދާކުރަނީ އިލްކެޝަންސް ކޮމިޝަނުން ކަމަށްވާތީވެ އީސީއަކީ ވެސް އެކަމުގައި ޚިޔާލު ހޯދަން ޖެހޭ ބައެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެފަދައިން ވިދާޅުވެ ޝުޖާއު ވަނީ ސިޔާސީ ޕާޓީތަކާއި، އީސީގެ އިތުރުން ބަންޑާރަނައިބުގެ ޚިޔާލު އެކަމުގައި ހޯދުމަށް ހުށަހަޅައިފައެވެ. އަދި އަންނަ މަހުގެ ދެވަނަ ދުވަހު، އެ ތިން ފަރާތާއި ވަކިވަކިން ބައްދަލުކުރެއްވުމަށް ވެސް ޝުޖާއު ހުށަހެޅުއްވިއެވެ. ޝުޖާއުގެ އެ ހުށަހެޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ވަނީ ތާއީދުކުރައްވާފައެވެ. އެއާއެކު ކޮމިޓީއަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ. 11 މެންބަރުން ތިއްބަވާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނަކީ: ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފު މުހައްމަދު ރައީސާއި ފަލާހް ސަލާމްކުރައްވާއިރު، ފަހަތުން އަބްދުއްރަހީމް -- ފޮޓޯ/ ޕީއެންސީ ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ޤާނޫނުއަސާސީއަށް އިއްޔެ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ. އެއާއެކު، 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހެޅުއްވިއެވެ. ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް ޖުލައި 7، 2024ގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މިއަދު މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވަނީ ހާމަކުރައްވާފައެވެ. ހަމައެއާއެކު މީގެ ކުރިން ސިޔާސީ ކަންކަމުގައި މާ ބޮޑަށް ޚިޔާލުފާޅުނުކުރައްވާ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން އުޅެނީ ވެރިކަން ދިފާއުކުރުމަށްޓަކައި ކަމަށާއި، އެކަމަކީ އަމިއްލަ ދަހިވެތި ކަމުގައި ޤައުމާއި ރައްޔިތުން ފުން ވަޅު ގަނޑަކަށް ވައްޓާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ