މެލޭޝިއާގެ ސަރުކާރުގެ އިންވެސްޓްމަންޓް ފަންޑު، 1އެމްޑީބީއާ ގުޅުންހުރި ބިލިއަނުން ގުނޭ ބޮޑު ހިޔާނާތުގެ މައްސަލައިގައި، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ ކުށް ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ސާބިތުވާކަމަށް ކުއާލަލަމްޕޫރުގެ ހައިކޯޓުން ހުކުރު ދުވަހު ކަނޑައަޅައިފިއެވެ.
މިއީ މީގެ ދިހަ ވަަރަކަށް އަހަރު ކުރިން 1އެމްޑީބީން ގަވާއިދާ ހިލާފަށް ބަދަލުކުރި 2.2 ބިލިއަން މެލޭޝިއަން ރިންގިޓް (543 މިލިއަން ޑޮލަރު) އާ ގުޅުންހުރި މައްސަލަތަކެކެވެ.
އުމުރުން 72 އަހަރުގެ ނަޖީބުގެ މައްޗަށް ސާބިތުވެފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ 4 ދައުވާއަކާއި، މަނީ ލޯންޑަރިންގެ 21 ދައުވާއެކެވެ. މި މައްސަލައިގެ ކޮންމެ ދައުވާއަކަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނައިރު، އަދަބު ކަނޑައެޅުން އަދި އޮތީ ކުރިއަށެވެ.
މިއީ މި ބޮޑު ހިޔާނާތާ ގުޅިގެން ނަޖީބު ކުރިމަތިލެއްވި ދެވަނަ ޝަރީއަތެވެ. ފައިސާއަށް ހިޔާނާތްތެރިވުމުގެ ފުރަތަމަ ޝަރީއަތުގައި 2020 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ދައުލަތުގެ ފަންޑުން ބިލިއަނުން ޚިޔާނާތްތެރިވުން
ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ދައުލަތުގެ ފަންޑުން 4.5 ބިލިއަން ޑޮލަރު ވަނީ ނަޖީބުގެ އަމިއްލަ އެކައުންޓްތައް ހިމެނޭހެން އެކި ފަރާތްތަކަށް ބަދަލުކޮށްފައެވެ. ހަތް އަހަރަށް ދެމިގެންދިޔަ މި ގާނޫނީ މަރުހަލާތަކުގައި ނަޖީބު ހިމެނޭހެން 76 ހެކިންގެ ހެކިބަސް ވަނީ ނަގާފައެވެ. 1އެމްޑީބީ ނުވަތަ 'ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު' އަކީ ބޭރުގެ އިންވެސްޓްމަންޓްތަކުގެ އެހީގައި ގައުމު ތަރައްގީކުރަން 2009 ގައި އުފެއްދި ކުންފުންޏެކެވެ.
މިފަހަރުގެ ޝަރީއަތުން ހާމަވި ގޮތުގައި، ފަންޑުގެ ފައިސާ ބޭނުންކޮށްގެން 'އިކުއަނިމިޓީ' ނަމަކަށް ކިޔާ ސުޕަޔޮޓަކާއި، އަގުބޮޑު އިމާރާތްތައް ގަނެފައިވެއެވެ. މީގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ފިލްމު "ދަ ވުލްފް އޮފް ވޯލް ސްޓްރީޓް" އުފެއްދުމަށްވެސް މި ފައިސާ ހަރަދުކޮށްފައިވާކަން ވަނީ ހާމަވެފައެވެ. ނަޖީބަކީ 2009 އިން 2018 އަށް ބޮޑުވަޒީރުކަމާއި ފިނޭންސް މިނިސްޓަރުކަން ކުރެއްވިއިރު އެ ފަންޑުގެ ޗެއާމަންވެސް މެއެވެ.
2018 ގެ އިންތިހާބުން ނާކާމިޔާބުވި ނަޖީބު އަބަދުވެސް ވިދާޅުވަމުން ގެންދެވީ އޭނާ އެއްވެސް ކުށެއް ނުކުރައްވާ ކަމަށެވެ. 2024 ވަނަ އަހަރު އޭނާ މިކަމުގައި މައާފަށް އެދިވަޑައިގަތް ނަމަވެސް، އަމިއްލަ އެކައުންޓަށް ފައިސާ ވަންކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެއީ ސައުދީ ރަސްގެފާނު ދެއްވި ހަދިޔާއެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފަނޑިޔާރު އެ ވާހަކަ ގަބޫލެއް ނުކުރެއްވިއެވެ.
މިހާރުވެސް ނަޖީބު ހުންނެވީ ފުރަތަމަ މައްސަލައިގެ ހުކުމް ތަންފީޒުކުރުމަށް ކަޖަންގް ޖަލުގައެވެ. އޭނާގެ ފުރަތަމަ ހުކުމް ފަހުން ވަނީ ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްދީފައެވެ. އެހެންކަމުން އޭނާ މިނިވަންވާނެ ކަމަށް ކުރިން ބެލެވުނީ 23 އޮގަސްޓް 2028 ގައެވެ. ނަމަވެސް މި އާ ހުކުމާއެކު އޭނާ ޖަލުގައި ހުންނަންޖެހޭ މުއްދަތު އިތުރުވެގެންދާނެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ މައްޗަށް 543 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ ކުށް ސާބިތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ