މަސްތަކަކަށް ފަހު ނަޝީދާއި ސޯލިހް: 'ކައިރި ނުވެވޭ ވަރަކަށް ދުރުނުވަން؛ އެވަރުގެ އެއްޗެއް ނުކިޔަން'

މިދިޔަ ރިޔާސީ އިންތިހާބުގައި ޖެހުނު މައްސަލަތަކަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 'ދުވަހަކު ވެސް ކައިރި ނުވެވޭ ވަރަށް ދުރަށް ނުދާ" ކަމަށް މިއަދު ދެ ރައީސުން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގެން، އެމްޑީޕީން ދުރަށް ޖެހި އަދި މަސްތަކެއްފަހުން މިދިޔަ ޖޫން މަހު އެމްޑީޕީއަށް އެނބުރި ވަޑައިގެން ދެ ރައީސުން މި ގޮތަށް އެކުގައި ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވީ މިއަދު އެމްޑީޕީގެ މައި އޮފީސް ގ. ނިއުޝާގަ އެވެ.
އެ ބައްދަލުވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރެއްވުމުން ގިނަ ނޫސްވެރިންގެ ސުވާލުތައް އަމާޒުވީ ކުރިން ހިނގި ދެބަސްވުންތަކާއި އަންނަން އޮތް 2028ގެ ރިޔާސީ އިންތިހާބަށެވެ.
ބުނީ ކީކޭ؟ - ނޫސްވެރިން ސުވާލުކުރުމުގެ ކުރިން ވެސް ނަޝީދު ވިދާޅުވީ، ސޯލިހަކީ އެއްވެސް އިރަކު އެ މަނިކުފާނާ ދުރު ބޭފުޅެއް ނޫން ކަމަށެވެ. ދޭތެރެއަކުން ދެބަސްވި ނަމަވެސް އެ ކަންކަމާ މާ ގިނަ ދުވަހަށް ދަންމާލައިގެން ނުތިއްބަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑުމެން ދެ މީހުންނަކަށް ވެސް މާ ގިނަ ދުވަހަކު އެހެން ތިބެވިދާނެ ހެނެއް ދެބަސްވުންތަކުގެ ތެރޭގައި،" ނަޝީދު މިހެން ވިދާޅުވުމުން ދެ ރައީސުން ވެސް އެކުގައި ހެމުން ދިޔަ އެވެ.
ނަޝީދުގެ ވާހަކަ ނިންމެވުމުން، ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން ސޯލިހު ދެން ވިދާޅުވީ އަބަދުވެސް ހިޔާލުތަފާތުވުންތައް އޮންނަ ކަމަށާއި ކޮންމެ ފަހަރަކު ވެސް ހިޔާލުތައް އެއްގޮތްކޮށްފައި ކުރިއަށްދާ ކަމަށެވެ.
"އޭގެ ތެރެއިން އަޅުގަނޑުމެންނަށް އެކުގައި ކުރިއަށް ދެވޭނެ ގޮތް ހޯދަން އަބަދުވެސް. ހޯދައިގެން މިއާ ހިސާބަށް މި އާދެވުނީ ވެސް،" ސޯލިހް ވިދާޅުވި އެވެ.
ދެން ނޫސްވެރިން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ސުވާލުކުރަން ފެށުމުން، ފުރަތަމަ ސޯލިހް ވިދާޅުވީ ޕާޓީ އާއި ގައުމުގެ މުސްތަގުބަލާ ގުޅޭ ގޮތުން މިއަދު ވާހަކަ ދައްކަވައި، ނިންމެވީ މި ވަގުތަށް ރިޔާސީ އިންތިހާބާއި އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ މަޝްވަރާ ފަހަށް ބޭއްވުމަށް ކަމަށެވެ.
"ޕާޓީއަށް އެންމެ ރަނގަޅު ގޮތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޯދަދޭނަން. ދުރުނުވާ ހިސާބަކަށް ނުދަން އަޅުގަނޑުމެން އެއްއިރެއްގަ ވެސް. އެހެންވެގެން މިއަދު އަނެއްކާ ވެސް މި ތަނުގައި މި ތިބީ،" ސޯލިހް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އިތުރަށް ސުވާލުކޮށް، މީގެ ކުރިން ނަޝީދާއި ސޯލިހް ވެސް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވައި އެހެން ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން ސުވާލުކުރަން އުޅުމުން ނަޝީދު އެ ސުވާލުތައް ހުއްޓުވައި ވިދާޅުވީ އެ ވާހަކަ މި ވަގުތު ކުރިއަށް ނުދާނެ ކަމަށެވެ.
"ރައީސް ސޯލިހް ވެސް އެ ވިދާޅުވީ އެ ވާހަކަ މި ވަގުތު އޮތީ އިންކުއިބޭޓަރުގައި. އެ ވަގުތު ޖެހުމުން އަޅުގަނޑުމެން އެ ކަން ނަގައި އެ ވާހަކަތައް ދައްކާނަމޭ. އަޅުގަނޑަށް ފެންނަނީ އެ ކަން ތި ބޭފުޅުން ވެސް [ނޫސްވެރިން] ބަލައިގަންނަން،" ނަޝީދު ވިދާޅުވި އެވެ.
އެނގުން މުހިންމު - ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތް ފަހުން ސޯލިހާ ދެމެދު ފުރަތަމަ ވާދަވެރިކަން އޮތް މާލޭ މޭޔަރު ޕްރައިމަރީގަ އެވެ. އެ ގޮތުން:
ނަޝީދު ތާއީދުކުރައްވަނީ މެދު ހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމަށް؛ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ފެކްޝަނުން ވެސް ތާއީދުކުރައްވަނީ އަލީ އާޒިމަށް
ސޯލިހް އާއި އެމަނިކުފާނުގެ ސަޕޯޓަރުން ތިބީ މިހާރުގެ ވެސް މާލޭގެ މޭޔަރު އާދަމް އާޒިމް އިތުރު ދައުރަކަށް އިންތިހާބުކުރަން؛ ސީދާ ސޯލިހް މި ކަން ވިދާޅުނުވި ނަމަވެސް އެ މަނިކުފާނުގެ އަރިސް ބޭފުޅުން މި ކަން ކަށަވަރުކޮށްދޭ
ތަފްސީލް - މިކަމާ ގުޅޭ ގޮތުން ވެސް ނޫސްވެރިން ސުވާލުކުރުމުން ނަޝީދު ފުރަތަމަ ޖަވާބު ދެއްވަމުން 'ނޫން' ކަމަށް ވިދާޅުވެ އެވެ. ސޯލިހް ދެން ވިދާޅުވީ 'މޮޅުވާ ކެންޑިޑޭޓަކާއެކު ކުރިއަށްދާނެ' ކަމަށެވެ. އަދި ސޯލިހުގެ ފަހަތުން ނަޝީދު ވެސް 'ކުރިއަށްދާނެ' ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ