ރާއްޖެއަށް މަސްތުވާތަކެތި ފޮނުވާ ދިވެހިންގެ ތަހުގީގު ހިންގާނަން: ފުލުހުން

ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަން މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ދިވެހިން ގާއިމްވެ ތިބޭ ކަމަށާއި އޭގެތެރޭގައި މެލޭޝިއާ އާއި ތައިލެންޑް ހިމެނޭއިރު އިންޓަޕޯލް މެދުވެރިކޮށް އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.ޑްރަގް އެންފޯސްމަންޓުން މިއަދު ވަނީ މިއަހަރު ކުރިއަށްގެންދިޔަ އޮޕަރޭޝަންސް އަދި ތަޙްޤީގުގެ މައްސަލަތަކުގެ މަޢުލޫމާތު އާއްމުކޮށްފައެވެ. އެގޮތުން، ތަޙްޤީގުގެ މައްސަލަތަކާއި ގުޅޭ މަޢުލޫމާތު ހާމަކުރެއްވީ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް އެވެ. ފުލުހުން މިއަދު އާއްމުކުރީ 2025 ޖަނަވަރީ 1 އިން 2025 ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ މަސައްކަތުގެ ތަފާސްހިސާބެވެ. ނާއިފް ވިދާޅުވީ، ޑްރަގް އެންފޯސްމަންޓުން 648 މައްސަލައެއް ތަޙްޤީގުކޮށް ދައުވާއާ މެދު ގޮތެއް ނިންމުމަށް 335 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ތިބެގެން ޑްރަގު ފޮނުވިއަސް އެފަދަ ޖިނާއީ ކުށްކުރާ މީހުން، އިންޓަޕޯލް ރެޑް ނޯޓިސް މެދުވެރިކޮށްގެން ވިއަސް ރާއްޖެ ގެނެސް، ތަހުގީގު ގެންދާނެ ކަމަށެވެ. އެހެންވެ، މިހާރު ކުރަމުން އަންނަނީ އެ ނޯޓިސް ނެރުމުގެ މަސައްކަތް ކަމަށް ފުލުހުން ބުންޏެވެ.ޑްރަގްސްގެ ތުހުމަތުތައް ކުރެވޭ މީހުން ރާއްޖެއިން ފިލައިގެން ދާން އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށާއި އަދި ގެރެންޓާއިންގެ ގޮތުގައި ބޭރު ގައުމަށް ދިއުމާއި ރަހީނުކުރުން ފަދަ ކަންކަމާ ހެދި ގައުމުތަކުގެ އެހީތެރިކަން ވެސް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރު ޓްރެންޑަކާ ހެދި ވެސް ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.ނާއިފް ވިދާޅުވި ގޮތުގައި ސްކޫލު ނިންމާފައި، ވަޒީފާއަށް ނުގޮސް ތިބި ކުދިންނަށް ހާއްސަކޮށް ސޯޝަލް މީޑިއާގެ ކްލޯސްޑް ގްރޫޕުތަކުގައި މަސްތުވާތަކެތީގެ އެކި މުއާމަލާތްތައް ކުރަން ދައުވަތު ދެމުންދާ ކަމަށެވެ. އެހެންވެ، އެކަމަށް، ބެލެނިވެރިން ސަމާލުވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ