އިންޑިއާގެ ރާންޗީން ފުރައިގެން ނިއުދިއްލީއަށް ބަލިމީހަކު ގޮވައިގެން ދަތުރުކުރި އެއަރ އެމްބިއުލާންސެއް، ޖަރްކަންޑްގެ ޗަޓްރާ ޑިސްޓްރިކްޓަށް ވެއްޓި، އޭގައި ތިބި ހަތް މީހުންވެސް މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ދެ ޕައިލެޓުންނާއި، މެޑިކަލް ސްޓާފުންގެ އިތުރުން އިތުރު ފަރުވާއަށް ދިއްލީއަށް ގެންދިޔަ ބަލިމީހާއެވެ.
ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދޭ ގޮތުގައި، މި ބޯޓު ރާންޗީން ފުރައިގެން ދިއްލީއަށް ދަތުރުކުރަނިކޮށް، ފުރިތާ ގާތްގަނޑަކަށް 20 މިނެޓު ފަހުން ވަނީ އެއަރ ޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑިފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ބޯޓު ވެއްޓިފައިވަނީ ޗަޓްރާ ޑިސްޓްރިކްޓްގެ ވަލުތެރޭ ސަރަޙައްދަކަށެވެ. އެ ސަރަޙައްދުގެ އަވަށު މީހުންނަށް ބާރު އަޑެއް އިވި، ދުން އަރާތަން ފެނުމާއެކު ކަމާބެހޭ އިދާރާތަކަށް އެކަން އެންގިއެވެ. އެއާއިއެކު، ފުލުހުން އަދި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތައް ވަގުތުން އެ ސަރަޙައްދަށް ދިޔަ ނަމަވެސް، ބޯޓުން ދަތުރުކުރި އެކަކުވެސް ސަލާމަތްވެފައެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން އާއި އެއަރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއިން މިހާރު ވަނީ ތަފްސީލީ ތަހުގީގެއް ފަށާފައެވެ. އެގޮތުން، ފުރަތަމަ ލިބުނު ރިޕޯޓްތައް ބުނާގޮތުން، މޫސުން ގޯސްވުމުގެ ސަބަބުން ނުވަތަ އެ މަތިންދާބޯޓުގެ މައްސަލައެއްގެ ސަބަބުން މި ހާދިސާ ހިނގާފައިވުން އެކަށީގެންވެއެވެ. ނަމަވެސް، ހާދިސާގެ އަސްލު ސަބަބު ކަމާބެހޭ ފަރާތްތަކުން އަދި ކަށަވަރެއް ނުކޮށްދެއެވެ.
އެގައުމުގައި މިފަދަ އެއަރ އެމްބިއުލަންސް އެކްސިޑެންޓްތައް ހިނގުމަކީ ނިސްބަތުން މަދު ކަމެކެވެ. އދި މީގެ ކުރިން ހިނގާފައިވާ ބައެއް ހާދިސާތަކުގެ ތަހުގީގު ރިޕޯޓުތަކުން ދައްކާގޮތުގައި، މިފަދަ ކަންކަން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ބޯޓުގެ ފަންނީ މައްސަލަތަކާއި، މޫސުން ގޯސްވުމުގެ އިތުރުން ޕައިލެޓުންނާ ގުޅުންހުރި ކަންތައްތަކެވެ.
ބަލިމީހަކު ގޮވައިގެން ދަތުރުކުރި އިންޑިއާގެ އެއަރ އެމްބިއުލާންސެއް ވެއްޓި 7 މީހަކު މަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ