ތުހުމަތަށް އިންކާރުކުރިޔަސް، ޑުރަގާ އެކު ހައްޔަރުކުރި 50 އަހަރުން މަތީގެ 2 މީހުންގެ ބަންދު އިތުރުކޮށްފި
މަސްތުވާތަކެތި ވިޔަފާރިކުރުމުގެ މައްސަލައެއްގައި މިދިޔަ މަހުގެ 23 ގައި ހައްޔަރުކުރި 50 އަހަރުން މަތީގެ ދިވެހި އަންހެން މީހާއާއި ފިރިހެން މީހާގެ ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. މުލި، ނަސީމީގެ، މުޙައްމަދު ވަޙީދު (52އ) އާއި ސ. ފޭދޫ، މުށިކުލާގެ، އާމިނަތު އިބްރާހީމް (57އ)އެވެ. އުމުރުން 57 އަހަރުގެ އެ އަންހެން މީހާއާއި 52 އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ ހުޅުމާލޭގެ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން އޭރު ބުނީ މި ދެ މީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 32.6 ގުރާމު ކަމަށެވެ. https://www.sun.mv/215741 އޭރު އެ ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ. ނަމަވެސް، އިއްޔެ އެ ދެމީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ. އެ ގޮތުން 52 އަހަރުގެ ފިރިހެން މީހާ 15 ދުވަހަށް އަދި 57 އަހަރުގެ އަންހެން މީހާ އިތުރު ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި މި ދެ މީހުން ވެސް އެ ދެމީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަށް ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް، އެކަށީގެންވާ ހެއްކާއި، ފެނުނު މަސްތުވާތަކެތީގެ ބަރުދަން، ޓްރެފިކިންގެ މިންގަނޑަށް އަރާކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މި ދެ މީހުންނަކީ ވެސް ބަންދު ރިކޯޑު އޮތް ދެ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ