މެޓާ އޭއައި އަށް "އޭއައި ޑިޓެކްޓާ"އެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަނީ
މެޓާ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް، 'މެޓާ އޭއައި' އަށް އައު ފީޗާއެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. "އޭއައި ޑިޓެކްޝަން" ގެ ނަން ދީފައިވާ މި ފީޗާގެ ބޭނުމަކީ އޭއައި މެދުވެރިކޮށް އުފައްދާފައިވާ ކޮންޓެންޓްތައް ދެނެގަތުމެވެ. މި ފީޗާ މިހާރު އޮތީ ތަރައްގީކުރުމުގެ މަރުޙަލާގައެވެ. އާންމު ޔޫޒަރުންނަށް އަދި މި ފީޗާ ބޭނުން ނުކުރެވޭއިރު، މިއީ ކިހާވަރެއްގެ ކަންތައްތަކެއް ކުރެވޭނެ ފީޗާއެއް ކަމެއް އަދި އާންމުކޮށް ނެރޭނެ ތާރީޚެއް ވެސް ރިޕޯޓުތަކުގައި ހާމަކޮށްފައެއް ނުވެއެވެ. https://x.com/testingcatalog/status/2033217307497906213 އެކްސް ގައި 'ޓެސްޓިންގްކެޓަލޮގް' އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މެޓާއިން އޭއައި ޑިޓެކްޓަރެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަން ސާބިތުކޮށްދިނުމުގެ ގޮތުން މެޓާ އޭއައިގެ މެނޫގައި "އޭއައި ޑިޓެކްޓާ" ހިމެނޭ ސްކްރީންޝޮޓެއް ވަނީ އާންމުކޮށްފައެވެ. ނަމަވެސް ސާވާ ސައިޑުން މި ޓޫލް އެކްޓިވް ކޮށްފައި ނުވާތީ، އެ ސްކްރީންޝޮޓުގައި ފެންނަ ގޮތުން އެއަށް ފިތާލުމުން އަދި ދައްކަނީ މަސައްކަތްނުކުރާ ނުވަތަ ހަލާކުވެފައިވާ ލިންކެއްގެ ގޮތުގައެވެ. ބެލެވޭ ގޮތުގައި މި ފީޗާ ފެނިފައިވަނީ އެޕްލިކޭޝަންގެ ކޯޑުގެ ތެރެއިން ވަކި ޚާއްޞަ ފްލެގްތަކެއް އޮން ކޮށްގެންނެވެ. މަޢުލޫމާތު މަދުވުމުގެ ސަބަބުން މި ޓޫލްގެ ފުރިހަމަ ބޭނުންތަކެއް އަދި ނޭނގެއެވެ. މިއީ ހަމައެކަނި އޭއައި އިން ލިޔެފައިވާ ލިޔުންތައް ދެނެގަންނަ ޓޫލްއެއް ކަމަށް ވެދާނެއެވެ. ނުވަތަ އޭއައި މެދުވެރިކޮށް ހަދާފައިވާ ފޮޓޯ، އޯޑިއޯ އަދި ވީޑިއޯވެސް ދެނެގަންނަ ފީޗާއަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން މިއީ ހަމައެކަނި މެޓާގެ އޭއައި މޮޑެލްތަކުން އުފައްދާ ތަކެތި ދެނެގަންނަ އެއްޗެއް ކަމެއް ނުވަތަ އެހެން ކުންފުނިތަކުގެ ލާޖް ލޭންގުއޭޖް މޮޑެލްތަކުގެ (އެލްއެލްއެމް) އުފެއްދުންތައްވެސް ދެނެގަންނާނެ އެއްޗެއްކަން އަދި ކަށަވަރެއް ނުވެއެވެ. ގޫގުލްގެ ޖެމިނައިގައިވެސް މިފަދަ ޓޫލްއެއް އާންމުކޮށްފައިވާއިރު، މެޓާއިންވެސް މި މަސައްކަތްކުރަނީ އެގޮތަށް ކަމަށް ބެލެވެއެވެ. މެޓާއިން ރަސްމީކޮށް މި ފީޗާ އިޢުލާންކޮށްފައި ނުވާތީ މިއީ އަދި ޔަގީން މަޢުލޫމާތެއްގެ ގޮތުގައި ނުބެލުމަށް ރިޕޯޓުތަކުގައި ލަފާދީފައިވެއެވެ. މީގެ އިތުރުން، މެޓާއިން އަލަށް ނެރުމަށް ތައްޔާރުވަމުންދާ "އެވޮކާޑޯ" ކޯޑްނޭމް ދީފައިވާ އައު އޭއައި މޮޑެލްތަކުގެ ޕާފޯމަންސް ބާޒާރުގައި ހުރި އެހެން ކުންފުނިތަކުގެ މޮޑެލްތަކާ އެއްވަރު ނުވާތީ، އެ މޮޑެލްތައް ނެރުންވެސް ވަނީ އިތުރަށް ލަސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ