ޝިއާއުގެ މަރު: ޝާހިލްގެ އިސްތިއުނާފު މައްސަލަތައް އަނެއްކާވެސް ހައިކޯޓުން ބޭރުކޮށްލައިފި
މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް، ދައުވާތަކެއް ސާބިތުވެ، ޖަލަށްލާން ހުކުމް ކުރި ދެ މައްސަލައެއްގެ އިސްތިއުނާފު ފޯމް ހައިކޯޓުން އަނެއްކާވެސް ބޭރުކޮށްލައިފިއެވެ. ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން، މިއަދު ބޭރުކޮށްލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި، އޮރިޔާން ކާޑު ގެންގުޅުމުގެ މައްސަލައެކެވެ. މި ދެ މައްސަލަވެސް މީގެ ކުރިންވެސް އެއް ފަހަރު ހައިކޯޓުން ބޭރުކޮށްލާފައިވެއެވެ. ހ. ޝީރީންވިލާ ގޭގެ ތެރޭގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ 22 އަހަރުގެ ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ އޮގަސްޓް 6، 2022ގައެވެ. https://sun.mv/222032 އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތް ވެސް އޮތީ ސިއްރުކޮށްފައެވެ. ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރުވެފައިވާއިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން އޮގަސްޓު 7، 2022ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. މި މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ