ނިލަންދޫ ދާއިރާގެ މެމްބަރު ޖޭފޯ އެމްޑީޕީއަށް ސޮއިކުރައްވައިފި

މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.އެ ގޮނޑި އަށް އޭޕްރީލް، 2019 ގައި ޖޭފޯ އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު މިހާތަނަށް ވެސް ހުންނެވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. އަތޮޅަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ނިލަންދު އަށް ވަޑައިގެން ބޭއްވެވި ހަވާސާގައި ވަނީ، ޖޭފޯ އެމްޑީޕީއަށް ސޮއިކުރެއްވި ފޯމު އެ މަނިކުފާނަށް ހަވާލުކުރައްވައިފަ އެވެ. އޭނާގެ އިތުރުން، ޕީޕީއެމްގެ ބޮޑު ތާއީދެއް އޮންނަ ރަށުން އިތުރު ބަޔަކު ވެސް ވެރިކަން ކުރާ މައި ޕާޓީއަށް ސޮއިކުރި ފޯމު ހަވާލުކޮށްފައިވެ އެވެ.ސިޔާސީ މައިދާނަށް ޖޭފޯ ނިކުމެވަޑައިގަތީ ޑީއާރްޕީއިންނެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތްކުރެއްވުމަށް ޓަކައި ޕީޕީއެމާ ގުޅިވަޑައިގަތެވެ. އެ ވެރިކަމުގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވިއެވެ.ސަރުކާރު ބަދަލުވުމާއެކު ޖޭފޯ ސިޔާސީ މައިދާނުން ނުފެނި ދުވަސްތަކަކަށްފަހު 2019ގައި އޮތް މަޖިލިސް އިންތިޚާބުގައި އޭނާ ވާދަކުރެއްވީ ޕީޕީއެމް ކެންޑިޑޭޓާ ދެކޮޅަށް މިނިވަން މެންބަރެއްގެ ގޮތުގައެވެ.އޭގެ ފަހުން ސިޔާސީ ގޮތުން އައި ބަދަލާއެކު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް އޭނާ މަސައްކަތްކުރެއްވިއެވެ. ނަމަވެސް ޕާޓީއަށް ސޮއިނުކުރައްވައެވެ.އަލަށް ގުޅިވަޑައިގެންނެވި މެމްބަރާއެކު، މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ 56 އަށް އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ