އާޒިމްގެ ވާހަކަތަކަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން؛ ސުޕްރީމް ކޯޓަށް ހުށަހަޅާނަން: އިދިކޮޅު

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގައި އިއްވި ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފާޑުވިދާޅުވެ، ޔާމީން ޖަލަށް ނުލައިފި ނަމަ ފަނޑިޔާރުން ވަކިކުރާނެ ކަމުގެ އިންޒާރު އާޒިމް މިއަދު ވަނީ މަޖިލީހުގައި ދެއްވައިފަ އެވެ.
ބުނީ ކީކޭ؟ - އާޒިމްގެ ވާހަކަތައް "އެންމެ ހަރުކަށި އިބާރާތުން ކުށްވެރި"ކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އާޒިމް ވަނީ:
ޖުޑީޝަރީއަށް ފާޑު ވިދާޅުވެފައި 
ޝަރުއީ ދާއިރާގެ ކަންކަމަށް ނުފޫޒު ފޯރުވާފައި
ފަނޑިޔާރުންނަށް ބިރު ދައްކާފައި
އެމްޑީޕީ އާއި ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމް ނުކުރާ ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެފައި
އާޒިމްގެ ވާހަކަތަކަކީ، އިދިކޮޅު ކޯލިޝަނުން ސިފަކުރި ގޮތުގައި، ދައުލަތުގެ އެއް ބާރުން އަނެއް ބާރުގެ ތެރެއަށް އަތް ބާނައި ޖުޑިޝަރީ ހިސޯރުކުރުމަށް ކުރަމުން ގެންދާ މަސައްކަތެކެވެ.
"އަލީ އާޒިމްގެ މި މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވައިދެއްވުން އެދި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުމުގެ މަސައްކަތް މި ކޯލިޝަނުން ކުރިއަށް ގެންދާ ވާހަކަ ވެސް ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.
އިދިކޮޅުން ބުނި ގޮތުގައި، އާޒިމްގެ ވާހަކަތަކަކީ ދައުލަތުގެ "ހުރިއްޔާ ހުރި ވަސީލަތެއް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ވެސް" މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ ކޮަމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ރައްޔިތުންގެ ތާއީދު ސަރުކާރަށާއި އެމްޑީޕީއަށް ނެތްކަން އެނގުމުން "ހަޖަމު ނުވެގެން" ދެއްކި ވާހަކަތެކެވެ.
ރައްޔިތުންގެ ނިންމުން "ހަޖަމުކޮށް"، މުއައްސަސާތަކަށާއި ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލުމަށް އާޒިމަށް އިދިކޮޅުގެ ލީޑަޝިޕުން ވަނީ ގޮވާލާފަ އެވެ.
އެނގުން މުހިންމު - އާޒިމް މަޖިލީހުގައި ދެއްކެވި ވާހަކައެއްގެ މައްސަަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅުން ބުނި ނަމަވެސް، އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާނެ ގޮތުގެ މަތިން މެމްބަރުން މަޖިލީހުގައި ދައްކަވާ ވާހަކަތާ ގުޅިގެން އެއްވެސް ކޯޓަކަށް ހާޒިރުކޮށް، ބަންދުކޮށް، ތަހުގީގުކޮށް ދައުވާ ވެސް ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައިވެ އެވެ.
ޔާމީން މިނިވަންވެވަޑައިގަތީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު 1 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑަކުރެއްވިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ކުރި ފަސް އަހަރުގެ ހުކުމް މިދިޔަ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ބާތިލު ކުރުމުންނެވެ.
މިނިވަންވެވަޑައިގަތުމަށް ފަހު ޔާމީން ގެންދަވަނީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ 'އިންޑިއާ އައުޓް' ކެމްޕެއިން ލީޑު ކުރައްވަމުންނެވެ. އެ ކެމްޕެއިން ހިންގަމުންދާއިރު، ހާރިޖީ ގުޅުންތަކަށް އަސަރުކުރާ އެފަދަ ކަންކަމަށް ޖަލު އަދަބު ދެވޭ ގޮތަށް އެމްޑީޕީގެ ޕީޖީން އަންނަނީ ބިލެއް ތައްޔާރު ކުރަމުންނެވެ.
އިތުރަށް ކިޔާލަން -
ޔާމީން ޖަލަށް ނުލައިފި ނަމަ ފަނޑިޔާރުން ވަކިކުރާނެކަމުގެ އިންޒާރު އާޒިމް ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ