މާބައިދޫ އަދި ނާލާފުށީގައި އާ އިންޖީނުގެ ހުޅުވައިފި

ލ. މާބައިދޫ އަދި މ. ނާލާފުށީގައި ބޭނުން ކުރަމުން ދިޔަ ބާ އިންޖީނުގެތައް ނިންވާލުމަށް ފަހު އާ އިންޖީނުގެތައް ހުޅުވައިފިއެވެ.
މާބައިދޫގައި ބޭނުން ކުރަމުން ދިޔަ ޒަމާންވީ އިންޖީނުގެ އަކީ 38 އަހަރުވެފައިވާ ތަނެކެވެ.
ފެނަކައިން ބުނީ، އެ އިންޖީނުގެ ނިއްވާލުމަށް ފަހު އިއްޔެ 03:52 އިން ފެށިގެން މުޅިން އާ އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ނާވައިދޫގައި ބޭނުން ކުރަމުންދިޔަ އިންޖީނުގެ އަކީ 23 އަހަރުވެފައިވާ ތަނެއް ކަމަށާއި އެ އިންޖީނުގެ ނިއްވާލާ، އިއްޔެ 02:35 އިން ފެށިގެން މުޅިން އާ އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށްފައި ހުންނާނެ ކަމަށް ފެނަކައިން ބުނެއެވެ. ހަމައެއާއެކު ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.
155 ރަށުގައި ފެނަކައިން ހިދުމަތް ދެމުން އަންނައިރު ފެނަކައިން އަންނަނީ މީހުން ދިރިއުޅެމުންދާ ސަރަހައްދާ ދުރުގައި އާ އިންޖީނުގެ އިމާރާތްކޮށް އެތަންތަނަށް ރަށްރަށުގެ އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ