އަޝްވިންގެ މޮޅު ކުޅުމާއެކު އިންޑިއާއިން ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށްފި

އިންޑިއާގައި މިހާރު ކުރިއަށްދާ ދެ މެޗުގެ ޓެސްޓް ސީރީޒްގެ ފުރަތަމަ މެޗުގައި ރަވިޗަންދްރަ އަޝްވިން ދެއްކި މޮޅު ކުޅުމާއެކު، 280 ލަނޑުގެ ތަފާތަކުން ބަންގްލަދޭޝް އަތުން އެ ޓީމު މޮޅުވެއްޖެއެވެ.
ޗެންނާއީގައި މި މަހުގެ 19 ވަނަ ދުވަހު ފެށި ފުރަތަމަ ޓެސްޓުގެ ޓޮސް ދިމާވުމުން ބަންގްލަދޭޝްއިން ގަސްދުކުރީ ހޮވަން އަރާށެވެ. އިންޑިއާއިން ކުޅެންއަރައި، 91.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 376 ލަނޑަށެވެ.
އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ އަޝްވިން އެވެ. އޭނާ ވަނީ 113 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އޯލްރައުންޑަރު، ރަވިންދްރަ ޖަދޭޖާ 86 ލަނޑުހެދިއިރު، އޯޕަނިންގ ބެޓްސްމަން، ޔަޝަސްވީ ޖައިސްވާލް ނުބައިވީ 56 ލަނޑަށެވެ. މި އިނިންގްސްގައި އިންޑިއާގެ ކެޕްޓަން، ރޯހިތު ޝަރްމާ އާއި ކުރީގެ ކެޕްޓަން، ވިރާތު ކޯލީ ނުބައިވީ ވެސް އެންމެ ހަ ލަނޑަށެވެ.
ބަންގްލަދޭޝްގެ ހަސަން މަހްމޫދު ފަސް ވިކެޓްނެގިއިރު، ތަސްކިން އަހުމަދު ތިން ވިކެޓްނެގިއެވެ. އަދި، އެ ޓީމުގައި ނާހިދް ރާނާ އާއި މެހިދީ މިރާޒް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.
ބަންގްލަދޭޝްގެ ފުރަތަމަ އިނިންގްސްގައި 47.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 149 ލަނޑެވެ. އެ ޓީމުގެ އޯލްރައުންޑަރު، ޝަކީބް އަލް ހަސަން ފިޔަވައި އެހެން ކުޅުންތެރިއަކަށް 30 އިން މަތީގެ ސްކޯއެއް ނުހެދުނުއިރު، އެ ޓީމުގެ ކެޕްޓަން، ނަޖްމުލް ޝާންޓޯ ނުބައިވީ 20 ލަނޑަށެވެ.
މި އިނިންގްސްގައި އިންޑިއާގެ އެންމެ އިތުބާރު އުކުންތެރިޔާ ކަމަށްވާ، ޖަސްޕްރީތު ބުމްރާ ހަތަރު ވިކެޓްނެގިއިރު، މުޙައްމަދު ސިރާޖް އާއި އަކާޝް ދީޕް އަދި ޖަދޭޖާ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.
އިންޑިއާގެ ދެވަނަ އިނިންގްސްގައި ކުޅެން އަރައި، 64 އޯވަރުގެ ތެރޭގައި ހަތަރު ވިކެޓަށް 287 ލަނޑުހަދައި، ޑިކްލެއާ ކުރިއެވެ. މި އިނިންގްސްގައި އިންޑިއާގެ ވިކެޓްކީޕަރު ބެޓްސްމަން ރިޝަބް ޕަންތު އާއި ޝުބްމަން ގިލް ވަނީ ސައްތަ ހަދައިފައެވެ. ބަންގްލަދޭޝްގެ މެހިދީ މިރާޒް ދެ ވިކެޓްނެގިއިރު، ތަސްކިން އާއި ރާނާ ވިކެޓެއްނެގިއެވެ.
ޖަވާބުގައި ބަންގްލަދޭޝް އަށް މޮޅުވުމަށް ހާސިލްކުރަން ޖެހުނު ޓާގެޓް ކަމަށްވާ، 515 ލަނޑަށް ވާސިލްނުވެވި ކުޅުމުގެ ހަތަރުވަނަ ދުވަހު ހުރިހާ ކުޅުންތެރިން ނުބައިވީ 234 ލަނޑަށެވެ. މިވަރުގެ ސްކޯއަކަށް ބަންގްލަދޭޝްގެ ކުޅުންތެރިން ނުބައިކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަޝްވިން އެވެ. އޭނާ ވަނީ މި އިނިންގްސްގައި ހަ ވިކެޓްނަގައިފައެވެ. ދެން އެންމެ ރަނގަޅަށް އުކި ޖަދޭޖާ ތިން ވިކެޓްނެގިއިރު، ބުމްރާ ވިކެޓެއްނެގިއެވެ.
މެޗުގެ ފަހު އިނިންގްސްގައި ބަންގްލަދޭޝް އިން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން، ޝާންޓޯ އެވެ. އޭނާ ވަނީ 82 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޒާކިރް ހަސަން 33 ލަނޑުހެދިއިރު، ޝަދްމަން އިސްލާމް ނުބައިވީ 35 ލަނޑަށެވެ.
މި މެޗުން ހޯދީ މޮޅާއެކު އިންޑިއާ އިން ވަނީ، ދެ މެޗުގެ ޓެސްޓް ސިރީޒްގައި 1-0 އިން ކުރިހޯދާފައެވެ. މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ޓެސްޓް ފަށާނީ ހުކުރު ދުވަހު ކާންޕޫރު ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ