ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެހެންކަމުން އެ އަމުރު ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރުގައިވާ ކަންތައްތައް ތަންފީޒުކުރުމުގައި އިތުރު އިރުޝާދާއި މަޝްވަރާއަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އިއްޔެގެ ވަގުތެއްގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަންޖެހޭ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އެ އަމުރު ތަންފީޒުކުރުމަށް ގާނޫނީ ގޮތުން ހުރަސްއެޅިދާނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އެ އަމުރުގައިވާ ގޮތުގެ މަތިން އަލުން ޝަރީއަތް ހިންގަންޖެހޭ ފަރާތްތަކުގެ ޝަރީއަތް ހިންގުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެކަން ކަމާ ބެހޭ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނަރަލަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށް މިއަދުގެ ވަގުތެއްގައި ޕީޖީ އޮފީހަށް އަންގާފައިވާނެ ކަމަށްވެސް މިބަޔާނުގައި ވަނީ ބުނެފަ އެެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރެފައިވާ އަމުރުގައި ތަފާތު މައްސަލަތަކުގައި ޖަލަށް ލާފައިވާ ނުވަ ބޭފުޅަކު މިނިވަންކުރުމަށާއި، މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާ އެ އަމުރު ތަންފީޒުކުރުމަށް އަމުރުކޮށްފައިވެ އެވެ.
ހުކުމް ތަންފީޒްކުރުމަށް ހުރަހެއް ނެތް، ތަންފީޒްކުރޭ: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ