ގާސިމަށް ގެއްލުން ދީގެން ގެއްލޭނީ ރައްޔިތުންގެ ތާއީދު - އުމަރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ގެއްލުން ދީގެން ގެއްލޭނީ ރައްޔިތުންގެ ތާއީދު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ގާސިމްގެ ރިސޯޓްތަކުގައި ހުރި ބައެއް މުދާ ނަގަމުންދާ މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އުމަރު ނަސީރު ވިދާޅުވީ އިސްލާހީ މަސައްކަތުގައި ގާސިމް ކުރައްވާ މަސައްކަތްޕުޅު ހުއްޓުވާލާ ފަހަތަށް ޖެެއްސުމަށް މީގެ ކުރިންވެސް އެމަނިކުފާނުގެ ވިޔަފާރިތަކަށް ގެއްލުންދިނުމާއި، ބަދުނާމުކުރުމުގެ އަމަލުތައް ހިންގާފައި ކަމަށެވެ.
"ގާސިމް އިބްރާހިމްގެ ރިސޯޓްތަކަށް ގެއްލުންދީގެން ކުރީގެ ސަރުކާރުތަކަށްވެސް ލިބިފައިވަނީ ގެއްލުން. މިހާރު މިސަރުކާރުން ހިންގަމުންދާ ކަންކަމުންވެސް މިސަރުކާރަށް ލިބޭނީ ގެއްލުން" އުމަރު ވިދާޅުވިއެވެ.
އަދި އެކަމުގެ ސަބަބުން ސަރުކާރުން ގެއްލޭނީ ރައްޔިތުންގެ ތާއީދުކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެބަޔަކު އިންތިޚާބުތަކުން ވާނީ ބަލިކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ވިލާ ގުރޫޕްގެ ފަސް ރިސޯޓަށް ކަސްޓަމްސްއާއި ފުލުހުން އަދި މީރާގެ މުވައްޒިފުން އަރާފައިވާއިރު މިއީ ސިޔާސީގޮތުން ގާސިމް ބަލިކަށިކޮށްލުމަށް ކުރަމުންދާ ކަމެއްކަމަށް އިދިކޮޅު ފަރާތް ތަކުން ދަނީ ބުނަމުންނެވެ.
ވިލާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެކުންފުނިން ހިންގާ ރިޒޯޓުތައް ހިންގުމަށް ދަތި ކުރުމަށް ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ބަޔާނުގައި ވަނީ ގާނޫނާއި ގަވާއިދާއި އެއްގޮތައް ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަސްޓަމްސްގެ ކްލިއަރެންސް ހޯދައިގެން، ރާ އެތެރެކުރުމުގެ ހުއްދަ އޮންނަ އެހެން ފަރާތަކަށް ރާ ވިއްކުމާއި ބަދަލުކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ