ވިލާގެ ވިޔަފާރިތަކަށް ސަރުކާރުން ދަތިކުރަނީ ރާއްޖެ އާއި ދިވެހިންގެ ކުރިއެރުމާއި ހެވާއި ލާބައަށްޓަކައި ގާސިމް އިބްރާހިމް ކުރައްވާ މަސައްކަތްތައް ހުއްޓުވައި އޭނާ ބަނގުރޫޓް ކޮށްލަން ކަމަށް ގާސިމް އިބްރާހިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ވިލާގެ މުވައްޒަފުންނަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ.
ގާސިމްގެ ސިޓީގައި ވިދާޅުވީ ރާއްޖެ އާއި ދިވެހިންގެ ކުރިއެރުމާއި ހެވާއި ލާބައަށްޓަކައި ކުރެވޭ މަސައްކަތް ހުއްޓުވޭނީ އޭނާ ބަނގުރޫޓު ކޮށްލައިގެން ކަމަށް މަދުބަޔކު ދެކޭ ކަމަށެވެ.
"އަޅުގަނޑުގެ މައްޗަށް އިއްވުނު 3 އަހަރާއި 2 އަހަރާއި 12 ދުވަހުގެ ހުކުމުން ވެސް މިކަން ސާބިތުވާ ކަމަށް އަޅުގަނޑު ދެކެމެވެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ވިލާގެ ވިޔަފާރިތަކަށް ގާނޫނާއި ހަމަ އާއި އިންސާފުގެ ބޭރުން ނުރައްކާތެރި ހިޔަނިތަކެއް އެޅިފައިވާ ކަމަށާއި އެހެންވެ، އޭގެ ގެއްލުމާއި ދެރަ މުވައްޒަފުން އުފުލަމުން ގެންދާ ކަމަށެވެ.
ގާސިމް ވިދާޅުވީ ދުވަހަކުވެސް ޤާނޫނުތަކާއި ހިލާފެއް ނުވާނަމެވެ. "ވިޔަފާރިތަކަށް ސަރުކާރުން މިހާރު ކުރިމަތިކުރަމުންދާ ހުރަސްތަކާއި ފިއްތުންތަކަކީ އަދި ދެމުންދާ ގެއްލުންތަކަކީ ގާނޫނުތަކާ ހިލާފުވުމުގެ ނަތީޖާއެއް ނޫނެވެ. އަޅުގަނޑުމެން ދުވަހަކު ވެސް ގާނޫނުތަކާ ހިލާފެއް ނުވަމެވެ. ނުވެސް ވާނަމެވެ. ދިމާވެގެން މިއުޅެނީ އެހެން ކަންތައްތަކެއްގެ އަސަރެވެ." ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ރިސޯޓްތަކުން ޓެކްސް ނުދައްކާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ އިން ވިދާޅުވި ނަމަވެސް ގާސިމްގެ ސިޓީގައި ވިދާޅުވީ ވިލާގެ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތަކާއި އެ ނޫން ވެސް ފައިސާއެއް ދައްކަމުން އަންނަ ކަމަށެވެ. ސަރުކާރާއި ވިލާގެ ކުންފުނިތަކާ ދެމެދު ވި އެއްބަސްވުންތައް ހުރި ކަމަށާއި އެ އެއްބަސްވުންތަކާ ޚިލާފުވީ ސަރުކާރުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ވިލާއާ ގުޅޭ މައްސަލަތައް ކޯޓުތަކުން ބަލަމުން އަންނަނިކޮށް، ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން، ސަރުކާރުން ވިލާގެ އެކައުންޓުތައް ފްރީޒްކޮށް، ކަސްޓަމްސްއިން މުދާ ދޫކުރުން ހުއްޓާލައި އިމިގްރޭޝަނުން ދޭން ޖެހޭ ޚިދުމަތްތައް ހުއްޓާލުމުން ވަރަށް ދަތި އުނދަގޫ ހާލަތެއް ކުރިމަތި ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިއިން އެއްވެސް ކަމެއް ކުރީ އަޅުގަނޑުމެން ގާނޫނާ ހިލާފަށް ކަމެއް ކޮށްގެނެއް ނޫނެވެ. މިއިން ކަމެއް ޝަރުއީ މަރުހަލާއެއް ނުނިމެނީސް ކުރެވިގެންވާނެ ކަމަކަށް އަޅުގަނޑު ނުދެކެމެވެ. ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އޭނާ އިހްތިޔާރު ކުރި ކޮޅަށް އިންތިޚާބު ތަކުގައި ބާރު ލިބުމަކީ ހުދުމުހުތާރު ގޮތް ކުރިއަރުވަން މަސައްކަތް ކުރާ މީހުން ވަރަށް ބޮޑަށް ބިރުގަންނަ ޖެހިލުންވާ ކަމެއް ކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ވެސް މުވައްޒަފުންގެ ތެދުވެރިކަމާއި ސާބިތުކަމެވެ. އަޅުގަނޑުމެންގެ ވިޔަފާރިތަކުގެ އިމަކީ އަބަދުވެސް ގާނޫނީ އިމެވެ. ހުރިހާ ކަމެއް ކޮށްފައިވަނީ އަދި ދެން ވެސް ކުރަމުން ގެންދާނީ ގާނޫނީ އިމުގެ ތެރެއިންނެވެ. އަޅުގަނޑުގެ ނަސޭހަތަކީ އަދި އިލްތިމާސްއަކީ މުވައްޒަފުން އަބަދުމެ، މި އިމުގެ ތެރޭގައި ސާބިތުވެ ތިބުމެވެ." ގާސިމް ވިދާޅުވި އެވެ.
ސަރުކާރުން އުޅެނީ ދިވެހިންގެ ލާބައަށް ކުރާކަންތައް ހުއްޓުވާ، އަޅުގަނޑު ބަނގުރޫޓް ކޮށްލަން – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ