ޓިވެޓް އޮތޯރިޓީއާއި އެމް.އެން.ޔޫ ގުޅިގެން ކުރިއަށް ގެންދާ ޑިޕްލޮމާ އިން ނަރސިންގ ކޯސް ކިޔަވަމުންދާ 103 ދަރިވަރަކު އިންޑިއާގެ އެސް.ޔޫ.ޓީ ހޮސްޕިޓަލުން ޕްރެކްޓިކަލް ފުރިހަމަ ކުރުމަށްޓަކައި ފުރުމަށް ތައްޔާރުވެފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
ޓިވެޓް އޮތޯރިޓީން ހިންގާ ޑިޕްލޮމާ އިން ނާރސިންގެ ފުރަތަމަ ބެޗުގެ ފުރަތަމަ އަހަރު ނިންމި ބައިވެރިން ފުރުމަށް ތައްޔާރުވެފައިވާއިރު، އެ ދަރުވުންނާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު ޝިހާމް ވަނީ މިއަދު ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދަރިވުންނާއި މުހާތަބުކޮށް މިނިސްޓަރ ވިދާޅުވީ އެކަމަނާއަށް މިއަދު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގިނަ ދަރިވަރުންތަކެއް މި ޕްރޮގްރާމްގެ މިހާ ހިސާބަށް ކާމިޔާބުކަމާއެކު ތައުލީމް ހާސިލުކުރުން ކަމަށާއި އެ ދަރިވަރުންނަށް ޓިވެޓް އޮތޯރިޓީއާއި ގުޅިގެން ހިތްވަރުދޭން ހުންނެވި ކަމަށެވެ. އަދި އާއިލާ އާ ދުރުގައި ތިބެގެން ތަމްރީން ހާސިލް ކުރަމުންދާއިރު ތަފާތު ކަންތައްތައް ދިމާވާނެ ކަމަށާއި އުނދަގޫ ކަންތައްތައް ދިމާވި ކަމުގައިވީ ނަމަވެސް ހިއްވަރާއި ކެތްތެރިކަމާ އެކީ ކޮންމެ ކުއްޖެއް ވެސް މަސައްކަތް ކުރަންވާނެ ކަމަށާއި ކިޔަވަން ބޭރަށް ދާ ކޮންމެ ކުއްޖެއްގެ ވެސް އަޒުމަކަށް ވާންޖެހޭނީ ރާއްޖެ އަށާއި އަމިއްލަ ނަފްސަށް ރީތި ނަމެއް ހޯދައި ދިނުން ކަމަށް މިނިސްޓަރު ޝިހާމް ވިދާޅުވިއެވެ.
ގްރޭޑް 9 އާއި ހަމައަށް ކިޔަވައިދޭ ސްކޫލްތަކަކީ ޓެކްނިކަލް ދާއިރާތަކުން ކުރިއަށްދެވޭނެ ސްކޫލްތަކަކަށް ބަދަލުވެފައިވާ ކަމަށާއި ޓިވެޓް އޮތޯރިޓީއާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ހިންގާ ޕްރޮގްރާތަކަށް ގިނަ ޒުވާނުންތަކެއްގެ ތަރުހީބު ލިބެމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ޒުވާނުންނަށް ހިތްއެދޭ ކަހަލަ ދާއިރާތަކުން ޓިވެޓް އޮތޯރިޓީ މެދުވެރިވެގެން އަދި އެހެން އިންސްޓިޓިއުޓްތަށް މެދުވެރިކޮށްވެސް ކިޔެވުމުގެ ފުރުސަތުތައް ފަހިކޮށްދިނުން. އިރާދަ ކުރެއްވިއްޔާ އަންނަ ބުރާސްފަތި ދުވަހު 2050 ސްކޮލަރޝިޕް އިތުރަށް އިއުލާނު ކުރެވިގެން ދާނެ." މިއަދު މެންދުރުފަހު ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި ވާކަހަފުޅު ދައްކަވަމުން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވިއެވެ.
އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގެ ބައިވެރިންގެ ތެރެއިން 74 ބައިވެރިޔަކު އިންޑިއާގެ އެސް.ޔޫ.ޓީ ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށް މި ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ރާއްޖެ އައިސްފައިވާއިރު، މިނިސްޓަރ ވަނީ ދިވެހި ދަރިވަރުން ކިޔެވުމުގެ ހުށިޔާރުކަމާއި ކިޔެވުމަށް މޮޅުކަމާއި ކިޔެވުމަށް ބަހައްޓާ ހާއްޞަ ޝައުޤުވެރިކަމާއި ސަމާލުކަމުގެ އިތުރުން ދަރިވަރުންގެ ރިވެތި އަހްލާޤް ބޭރުގެ އިންސްޓިއުޓްތަކުންވެސް ފާހަގަކުރާކަމަށް ވިދާޅުވެފައެވެ.
ޓިވެޓް އޮތޯރިޓީއާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ކާމިޔާބުކަމާއެކު ގިނަ ޕްރޮގްރާތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ހާއްޞަކޮށް 2016 ވަނަ އަހަރު ކުރިއަށް ގެންދިޔަ ފާމަނީ އެސިސްޓެންޓުން ރަމްރީނު ކުރުމަށް ހިންގުމު ޕްރޮގްރާމާއި ފަތުރުވެރިކަމުގެ ދާއިރާއިން ދަރިވަރުން ތަމްރީނުކުރުމަށް ހިންގުނު ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ.
ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ކުރިން ދިވެހިރާއްޖޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީމަރުކަޒު ތަކުގައި މަސައްކަތް ކުރާނެ ދިވެހި ނަރުހުން ނުލިބުމުގެ މައްސަލަ ވަރަށް ބޮޑުކަން ފާހަގަކުރައްވާ މިނިސްޓަރ އިތުރަށް ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި ތަފާތު ވަޒީފާދޭ ތަންތަނުގައި ކުރިއަށްވުރެ ގިނަ ދިވެހިން މަސައްކަތްކުރާތަން ފެންނަކަމީ ނަތީޖާ ފެންނަމުންދާކަމުގެ ހެއްކެއް ކަމަށެވެ.
ޓިވެޓް އޮތޯރިޓީއިން އަންނަނީ 2013 ވަނަ އަހަރުން ފެށިގެން އެޑިޔުކޭޝަން މިނިސްޓްރީއާއި ގުޅިގެން އަދުގެ ޒުވާނުންގެ މުސްތަޤަބަލަށްޓަކައި ޒުވާނުންނަށް ބޭނުންތެރި ތަފާތު ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންނެވެ.
ނަރުހުންގެ ޕްރެކްޓިކަލް ފުރިހަމަ ކުރުމަށް 103 ދަރިވަރަކު އިންޑިޔާ އަށް ފޮނުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ