މި ރޯދަ މަހަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި އެދިވަޑައިގެންފި އެވެ.
އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރެ އިން ފެށިގެން ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުންނެވި މައުމޫން، ރޯދަ މަހަށް ގޭބަންދަށް ބަދަލުކޮށްދިނުމަށް އަނބިކަނބަލުން ނަސްރީނާ އެދިވަޑައިގަތީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ.
އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ނަސްރީނާ މައިގަނޑު ގޮތެއްގައި ވިދާޅުވީ، ފިރިކަލުން މައުމޫނަކީ އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ބޭފުޅެއް ކަމަށާއި އަދި އެ މަނިކުފާނު ގެންދަވަނީ ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ކަމަށެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ.
އެހެންވެ، އެ ހާލަތުގައި މައުމޫނު ގިނިކަންޏާ ހުންނަވަން ޖެހިވަޑައިނުގަންނަވާ ގޮތަށް އަބަދުވެސް އަރިހުގައި މީހަކު ބެއްހެޓުމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ ކަމަށް ނަސްރީނާ ވިދާޅުވި އެވެ. އެ ސަބަބާ ހެދި، މައުމޫން މި ރޯދަ މަހު ދޫނިދޫ ޖަލުގައި ހުންނެވުމަކީ އެމަނިކުފާނަށް ތަހައްމަލް ކުރެއްވޭ ވަރަށް ވުރެ ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އިހުސާސް ކުރެއްވޭ ކަމަށް ނަސްރީނާ ވިދާޅުވި އެވެ.
"[މައުމޫން] ރޯދަފުޅު ހިއްޕެވުމާއި ރޯދަ މަހަށް ޚާއްސަ އަޅުކަންތައް ކުރައްވައި ހެއްދެވުމަކީ، އެފަދަ ހާލުކޮޅެއްގައި ގިނިކަންޔާ ހުންނަވައިގެން އެމަނިކުފާނަށް ކުރެއްވޭނެ ކަންތައްތަކެއް ނޫންކަން އަޅުގަނޑަށް ޔަގީނެވެ،" ނަސްރީނާގެ ސިޓީފުޅުގައި ވެ އެވެ.
މައުމޫން، ރޯދަ މަހަށް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ