އަހަރުގެ ހޫނު މޫސުމުގައިވެސް ކަސްޓަމަރުންނަށް ދަތިނުވާނެހެން ކަރަންޓު ފޯރުކޮށްދެވޭނެކަމަށް މާލެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ ޑިރެކްޓަރ އިބްރާހިމް ނިޒާމް ވިދާޅުވީ، ވޭތުވެދިޔަ އަހަރު އިތުރު ޖަނަރޭޓަރެއް އިންސްޓޯލްކޮށް ކަރަންޓުގެ ވިއުގަޔާއި ގުޅާލާފައިވާއިރު ބޮޑު ޖަނަރޭޓަރަކަށް މައްސަލައެއް ދިމާ ނުވާނަމަ، މިއަހަރުގެ ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މައްޗަށްދާ ހޫނު މޫސުމުގައިވެސް ކަރަންޓު ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު ފޯރުކޮށްދެވޭނެކަމަށެވެ.
"ޖަނަރޭޓަރަކީ މެކޭނިކަލް އެއްޗެއްސައްވާއިރު މައްސަލައެއް ދިމާވާނީ ކޮން ވަގުތަކު ކަމެއް ބުނަން ނޭނގޭނެ، ބޮޑު ޖަނަރޭޓަރަކަށް މައްސަލައެއް ދިމާނުވާނަމަ 60 މެގަވޯޓަށް ކަރަންޓު ބޭނުންކުރާ ނިސްބަތް އެރި ނަމަވެސް ދަތިކަމެއްނެތި ކަސްޓަމަރުންނަށް ކަރަންޓު ފޯރުކޮށްދެވޭނެ" އިބްރާހިމް ނިޒާމް ވިދާޅިއެވެ.
ނިޒާމް ވިދާޅުވީ ޢައްމުކޮށް ކޮންމެ އަހަރަކުވެސް ފެބުރުވަރީން ފެށިގެން މެއި މަހުގެ ނިޔަލަށް ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ ނިސްބަތް 11.5 އިންސައްތަ އިތުރުވާކަމަށެވެ. ވޭތުވެދިޔަ އަހަރު ހޫނު މޫސުމުގައި އެޕްރިލް މަހުގެ ތެރޭގައި 56 މެގަވޯޓާ ހަމައަށް ލޯޑް މައްޗަށް ގޮސްފައިވާއިރު، މިއަހަރުގެ މާރޗު މަހުގެ ތެރޭގައިވެސް އެ އަދަދު 58 މެގަވޯޓަށް އަރާފައިވާއިރު، މި އަދަދު 60 މެގަވޯޓަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ މިނަވްރު މައްޗަށް ދިއުމުގެ ސަބަބުން ކަރަންޓު އުފެއްދޭ މިންވަރަށްވުރެ ކަރަންޓު ބޭނުންވާ މިންވަރު އިތުރުވެ ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ވޭތުވެދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްޓެލްކޯއިން އިންސްޓޯލްކުރި 8.9 މެގަވޯޓުގެ ޖަނަރޭޓަރާއެކު އެ ކުންފުނީގެ މާލޭ ޕަވަރ ސްޓޭޝަނުގެ ކެޕޭސިޓީ ވަނީ 61 މެގަވޯޓަށް އިތުރުކޮށްފައެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓު ފޯރުކޮށްދެވޭނެ ކެޕޭސިޓީ ސްޓެލްކޯގައި ހުރިނަމަވެސް، ޕީކް ގަޑިތަކުގައި މަތީ ލޯޑު ބޭނުންކުރާ ސާމާނު ބޭނުންކުރާ މިންވަރު މަދުކުރުމަށް އެ ކުންފުނިން އިލްތިމާސް ކުރައްވައެވެ.
ހޫނު މޫސުމުގައިވެސް ދަތިކަމެއްނެތި ކަސްޓަމަރުންނަށް ކަރަންޓު ފޯރުކޮށްދެވޭނެ – ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ