އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފި

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މުސާރަ ނުދޭގޮތަށް ސަސްޕެންޑް ކުރަން ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
ޖޭއެސްސީން އެގޮތަށް ނިންމީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ)ގައި، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައިފި ޙާލަތެއްގައި، އެމީހާގެ މައްޗަށް ނިހާއީ ޙުކުމެއް ކަނޑައެޅެންދެން މުސާރަ ނުލިބޭ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވާތީ އެވެ. 
ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ ކޮމިޝަނަށް އަންގަވާފައިވާ ކަމަށެވެ.
އެހެންކަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މުސާރަ ނުލިބޭ ގޮތަށް ޖޭއެސްސީން ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.  
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެމަތިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމިއިރު، އެގާނޫނަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އެ ދެ ފަނޑިޔާރުން ހައްޔަރު ކުރުމަށް  ފަހު، ރައްޔިތުންގެ މަޖިލީހަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅައި މަޖިލީހުން ދާދިފަހުން ފާސްކުރި ގާނޫނެކެވެ. 
މި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފަ އެވެ. އަދި އެ ދެ ފަނޑިޔާރުންނަށް މުސާރަ ނުލިބޭ ގޮތަށް ޖޭއެސްސީން ސަސްޕެންޑް ކުރަން ނިންމިއިރު، ފަނޑިޔާރުންގެ ގާނޫނަށް ގެނެސްފައިވާ އެ އިސްލާހުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށް ވެސް އެބަދެ އެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ