ގައުމަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވާފައި ހުންނެވި ރައީސް މައުމޫން ޖަލުގައި އޮންނެވުމަކީ މުޅި ދިވެހި ދައުލަތް ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިނިވަންކުރުމަށް ގޮވާލައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ހަސަން ލަތީފް ވިދާޅުވީ 30 އަހަރު ގައުމުގައި ވެރިކަން ކުރައްވައި އެކިގޮތްގޮތުން ރައްޔިތުންނަށާއި ގައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައީސް މައުމޫން އުމުރުފުޅުން 80 އަހަރުގައި ލައިގެން އުޅުމަކީ މުޅި ދައުލަތް އެކަމާ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.
ޣައިރު ގާނޫނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް މައުމޫން އެއުމުރުފުޅުގައި ޖަލުގައި އެކަހެރިކޮށް ބަހައްޓައިގެން ރައީސް ޔާމީން ކުރައްވާ ކަންކަން ވަރަށް ސާފު ކަމަށާއި މިއީ އެމަނިކުފާނުގެ ހިތްހަމަޖެހުމަށް ކުރައްވާ ކަމެއް ކަމަށެވެ.
އެހެން މީހުންނަށް އަނިޔާކޮށް، އަނިޔާ ލިބޭ ތަން ބެލުމަކީ ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ހަސަން ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ ރައީސް ޔާމީނަށް މިސުވާލު، ލަދުފުޅެއް ނުގަނޭތޯ ރައީސް މައުމޫން ޖަލުގައި ބައިންދަވައިގެން އެހެން ހުންނަވާކަށް. ހަމަ އެސުވާލު ދަންނަވާލަން ބޭނުން ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާނަށް ވެސް. ހަމަކުޑަކޮށްވެސް ލަދުފުޅެއް ނުގަނޭތޯ. ރައީސް މައުމޫން ޖަލުގައި ބައިންދަވައިގެން ނިހާން ޕީޖީ ލީޑަރުކަމުގައި ހުންނަވަން ކުޑަކޮށްވެސް ލަދުފުޅެއް ނުގަނޭތޯ، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމަށް ވެސް މިސުވާލު ދަންނަވަން ބޭނުން. ތިބޭފުޅުންނަށް ރައީސް މައުމޫން ކޮށްދެއްވި ކަންކަން އެކަނިމާއެކަނި އިންނަވައިގެން ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލައްވައިގެން ވިސްނާވަޑައިގެންބައްލަވާ. ހަމައެއްވެސް އެއްޗެއް ހިތްޕުޅަށް އަރާވަޑައިނުގަންނަވަނީތޯ" ހަސަން ވިދާޅުވިއެވެ.
މީގެ އިތުރަށް ރައީސް މައުމޫން ޖަލަށްލައިގެން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުވެސް ލަދުގަންނަން ޖެހޭ ކަމަށާއި ރައީސް މައުމޫން އެކަމަނާއަށް ކޮށްދެއްވާފައިވާ ކަންކަން ހަނދުމަފުޅު ނެތުނީތޯ ސުވާލު ދަންނަވަން ބޭނުން ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބެންޖެހޭ ގަދަރާއި ޝަރަފެއް އޮންނަ ކަމަށާއި ރައީސް މައުމޫނަށް އެކަންކަން ސަރުކާރުން ނުދޭތީ ހިތާމަކުރައްވާ ކަމަށެވެ.
އެމްޑީޕީ ސަރުކާރުގައި ރައީސް މައުމޫން ޖަލަށްލުމަށް އެތައް ޕްރެޝަރެއް އައި ކަަމަށާއި ނަމަވެސް އެކަން ނުކުރީ ގައުމުގެ ރައީސްކަން ކުރުމަށްފަހު މަގާމުން ވަކިވުމުން ދެން ހުންނަން ޖެހެނީ ޖަލުގައި ކަމަށް އޭރުގެ ވެރިންނަށް ގަބޫލުފުޅު ނުކުރެއްވޭތީ ކަމަށް ރައީސް ނަޝީދު ސަރުކާރުގައި ވަޒީރުކަން ކުރެއްވި ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ އެމީހެއްގެ ވެރިކަމުގައި ހިންގާ ޖިނާއީ ކުށްތައް ބަލައި ޝަރީއަތް ކުރެވެން ޖެހޭނެ ކަމަށާއި ނަމަވެސް އެކަން ކުރަންޖެހޭނީ އިންސާފުން ކަމަށެވެ.
ރައީސް ޔާމީން ހިންގަވާފައިވާ ވައްކަމާއި ކޮރަޕްޝަންތައް ބަލާނެ ކަމަށާއި ނަމަވެސް ނާއިންސާފުން އެމަނިކުފާނާމެދު ވެސް ކަމެއް ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ބޭނުންނުވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ރައީސް މައުމޫން ޖަލުގައި އޮންނެވުމުން މުޅި ދައުލަތް ލަދުގަންނަންޖެހޭ: ހަސަން ލަތީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ