ސްކޫލް ކްރިކެޓް ލީގު 2013: މުހިއްދީން ފައިނަލަށް، ތިންވަނަ ސެމީގައި ތާޖުއްދީނާއި ކަލާފާނު!

ޕިލިޕްސް ސްކޫލް ކްރިކެޓް ލީގް 2013ގެ ސެމީ ފައިނަލްގައި ތާޖުއްދީން ސްކޫލް އަތުން 57 ލަނޑުން މޮޅުވެ، މުހިއްދީން ސްކޫލް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފި އެވެ.
މެޗުގައި ޓޮސް ދިމާވުމުން ތާޖުއްދީން ނިންމީ ހޮވާށެވެ. އެގޮތުން މުހިއްދީން ކުޅެން އަރައި، 15 އޯވަރުގެ ތެރޭގައި 192 ލަނޑު ހެދިއެވެ. ޖަވާބުގައި ތާޖުއްދީނުން ކުޅެން އަރައި، 15 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ، 135 ލަނޑެވެ. އެ މެޗުގައި މުހިއްދީނުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައިނުވެ 17 ލަނޑު ހެދި ބަރާއު އެވެ. ތާޖުއްދީނުން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ، 13 ލަނޑު ހެދި، ސާޖިއު އެވެ.
މުބާރާތުގައި ކުޅުނު މެޗްތަކުން އެންމެ ގިނަ ޕޮއިންޓް ހޯދި ދެޓީމުގެ ދެމެދުގައި ކުޅުނު ސެމީ ފައިނަލުން މޮޅުވެގެން، މުހިއްދީން ފައިނަލުން ޖާގަ ހޯދިއިރު އެމެޗުން ބަލިވި، ތާޖުއްދީން ޖެހޭނީ، ސެމީފައިނަލްގައި، އިސްކަންދަރު ސްކޫލާއި ކަލާފާނު ބައްދަލު ކުރި މެޗުން މޮޅުވި ކަލާފާނު ސްކޫލާއެކު ތިންވަނަ ސެމީ ފައިނަލެއް ކުޅޭށެވެ.
މިއަދު ސެމީ ފައިނަލުގައި އިސްކަންދަރާއި ކަލާފާން ބައްދަލުކުރި މެޗުން ކަލާފާން މޮޅުވީ 4 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވުމުން އިސްކަންދަރު ގަސްދުކުރީ ހޮވާށެވެ. ކަލާފާނުން ކުޅެންއަރައި، 15 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 167 ލަނޑު ހަދާފައިވާއިރު ޖަވާބުގައި ކުޅެންއަރައި، 15 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން އިސްކަންދަރަށް ހެދުނީ 163 ލަނޑެވެ.
އެ މެޗުގައި ކަލާފާނުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައިނުވެ 25 ލަނޑު ހެދި އީމާން އެވެ. އަދި އިސްކަންދަރު ސްކޫލުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 29 ލަނޑުހެދި އަޒިޔާން ޔޫސުފް އެވެ.
ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ، ފިލިޕްސް ސްކޫލް ކްރިކެޓް ލީގުގެ 13 އަހަރުން ދަށުގެ އުމުރުފުރައިގެ ތިންވަނަ ސެމީފައިނަލްގައި ތާޖުއްދީން ސްކޫލާއި ކަލާފާން ސްކޫލް ބައްދަލު ކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ