އިންތިޚާބުކުރި ރައްޔިތުންނަށް މެންބަރުން ޖަވާބުދާރީވާންޖެހޭ: ދުންޔާ މައުމޫން

އިންތިޚާބުކުރި ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފުރިހަމައަށް ޖަވާބުދާރީވާންޖެހޭކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މަޖިލީހުގެ މަދު ޖަލްސާއެއް ބޭއްވުމަށްފަހު މިދައުރަށް މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވުމާއި ގުޅިގެން މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ޚަބަރަކާއި ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރާއްޖޭގެ ފުރަތަމަ ޚާރިޖީ ވަޒީރުކަން ކުރެއްވި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވީ ޑިމޮކްރަސީއެއްގައި އެންމެ މުހިންމު އެންމެ ގުނަވަނަކީ ރައްޔިތުންގެ މަޖިލީސްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަމްސީލްކުރައްވަނީ ރައްޔިތުންކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދުންޔާ މައުމޫން ވިދާޅުވީ އިންތިޚާބުކުރި ރައްޔިތުންނަށް މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ މެންބަރުންވެސް އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށްވެސް ނިސްބަތްވާ މެންބަރުންވެސް ޖަވާބުދާރީވާންޖެހޭނެކަމަށެވެ.
ދުންޔާ މިހެން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަނީ މަޖިލީހަށް ރައްޔިތުން އިންތިޚާބުކުރި ގިނަ މެންބަރުންތަކެއްގެ ބައިވެރިވުން ނެތިއެވެ. އެގޮތުން މިހާތަނަށް މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެ މެންބަރުން މަޖިލީހަށް ވަޑައިގަތުމަށް އެ އިދާރާއިން ވަނީ ހުރަސްއަޅާފައެވެ.
އެ 12 މެންބަރުންނަކީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރުމުން ޕީޕީއެމްއިން ވަކިކުރިކަމަށް ބުނެ ގޮނޑި ގެއްލުނުކަމަށް ނިންމި 12 މެންބަރުންނެވެ. ނަމަވެސް އެ މެންބަރުން ވަނީ ޕީޕީއެމުން ވަކިކުރުމުގެ ކުރިން އަމިއްލައަށް އެޕާޓީން ވަކިވެވަޑައިގެންފައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރުމަށް ބޭނުންވާ އަދަދަށްވުރެ އިތުރަށް މެންބަރުން ހިމެނޭގޮތަށް މައްސަލަ ހުށައެޅުމުން އެ މައްސަލަ އެޖެންޑާކުރުމަށް ދެކޮޅު ހަދާ މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެކަމަށް ނިންމާ، އަދި ބައެއް މެންބަރުންގެ މައްޗަށް ތަފާތު ތުހުމަތުތައް އުފައްދާ އެ މެންބަރުން ހައްޔަރުކޮށް ޖަލުގައި ވަނީ ބަންދުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މިއަދާއި ހަމައަށް ދުންޔާ މައުމޫންގެ ކޮއްކޮ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވަނީ ޖަލުގައި ބަންދުކުރައްވާފައެވެ. ދުންޔާ މައުމޫން ވަނީ މިއަދުވެސް ފާރިސްއަށް ހިތްވަރު ދެއްވާ ރަނގަޅު ސިިއްހަތަކަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ދުންޔާ މައުމޫން އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ފާރިސް މައުމޫނާއި، ބައްޕަ ރައީސް މައުމޫނާއި، ކޮއްކޮ ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ޖަލު ބަންދުން ސަލާމަތްކޮށްދިނުމުގައި އިންޑިއާއިން އެހީތެރިވެދެއްވުމަށްވެސް ވަނީ އެދިވަޑައިފައެވެ.
ދުންޔާ ވިދާޅުވީ ރާއްޖޭއިން ޑިމޮކްރަސީގެ އުސޫލްތައް ނެތިގޮސް ޚުދުމުޚުތާރު ސިފަތައް އަށަގެންފާނެކަމުގެ ބިރު އެބައޮތްކަމަށާ އެހެންކަމުން އިންޑިއާއިން ދިވެހި ރައްޔިތުންނާއިއެކު އޮތުމަށް އެދިވަޑައިގަންނަވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ