ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރުމަކީ ރައީސް ޔާމީނަށް ކުރެވޭނެ ކަމެއް ނޫން: ހަލީލް
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުމަކީ ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. މެންބަރު ހަލީލް މިއަދު "ސަން" އަށް ވިދާޅުވީ ކޯޓުން ނިންމާ ނިންމުމެއް ވަކިގޮތަކަށް އަނބުރާލުމުގެ އިޚްތިޔާރު ރައީސް ޔާމީނަށް ލިބިގެން ނުވާކަމަށެވެ. "ކޯޓުތަކުން ނިންމާ ނިންމުމަށް ނުފޫޒު ފޮރުވުމަކީ ރައީސް ޔާމީން ކުރައްވާނޭ ކަމެއް ނޫން،" ހަލީލް ވިދާޅުވިއެވެ. ހަލީލް ވިދާޅުވީ ކޯޓުތަށް މިނިވަން ކަމާއެކު ހަރަކާތްތެރި ވުމަށް ރައީސް ޔާމީން ވަނީ ފުރުސަތު ދެއްވާފައި ކަމަށެވެ. ގާނޫނީ ސަރުކާރެއް ވައްޓާލަން ރައީސް މައުމޫން އުޅުއްވިކަން ލީކުވެފައިވާ ބަޔާންތަކުން ސާބިތުވާން ހުރިކަމަށާއި އެކަހަލަ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު އެމީހެއްގެ ކިބައިން ގައުމު ސަލާމަތް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް ކަމަށް ހަލީލް ވިދާޅުވިއެވެ. ރައީސް ޔާމީން ގެންނެވި ތަރައްގީ ރައްޔިތުން ބަލައިގަނެފައިވާކަމަށާއި މި އަހަރު ބާއްވާ ރިޔާސީ އަންތިޚާބު ވަރަށް ފަސޭހަ ކަމާއެކު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށްވެސް ހަލީލް ވިދާޅުވިއެވެ. ސޯޝަލް މީޑިއާ އެކްޓްވިސްޓު ތޮައްޔިބު ޝަހީމް ލީކް ކޮށްލި ސިއްރު ބަޔާން ތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ ދައުލަތު ގެ ސިއްރު ލިޔުން ތަކެއް ލީކު ކޮށްލުމަކީ ދައުލަތަށް ޚިޔާނާތްތެރި ވުން ކަމަށާއި ތަހުގީގީ އިދާރާތަކުން އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އައްޑޫ ގައި ވަކި ސަރުކާރެއް ގާއިމްކުރަން އުޅުނު މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން އެފުރުސަތު ނުދޭނޭކަމަށާއި ދިވެހި ރައްޔިތުން ނިކުމެ އެކަންތައް ހުއްޓުވާނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ