މިއަދު ދިވެހިންގެ ތެރޭގައި އިސްލާމީ އަގީދާ ބަލިކަށިވަމުން ދިއުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް ޖުމުހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ކ ގުރައިދޫ ޔޫތު ޔުނައިޓެޑާއި ހާރޫން ޤުރުއާން ކްލާސް ގުޅިގެން ބޭއްވި ޤުރުއާން މުބާރާތާއި ހާރޫން ޤުރުއާން ކްލާހުގެ ނަތީޖާ ފާޅުކުރުމަށް އިއްޔެ ގުރައިދޫ ސުކޫލްގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބުރާހިމް ވިދާޅުވީ، ނެތެމުންދާ އިސްލާމީ ރިވެތި އުސޫލުތައް ހިފެހެއްޓުމަށްޓަކައި މީގެ ނުވަސަތޭކަ އަހަރުކުރިން އިސްލާމް ދީން މިގައުމަށް ގެނައުމަށް ކާބަފައިން ކޮށްފައިވާ އަގުހުރި މަސައްކަތުގެ މަތިން ވެސް ހަނދާން ކުރަން ޖެހޭ ކަމަށެވެ.
މިރަސްމިއްޔާތުގައި ވަނަ ވަނައަށް އައި ދަރިވަރުންނަށް އިނާމާ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހްމާނު ގާސިމް އިބުރާހިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރައީސް ޑރ އިބުރާހިމް ދީދީއާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފުވާދު ގާސިމާއި، ޖުމުހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރު އަލްހާން ފަހުމީއެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް އިއްޔެ ގުރައިދޫއަށް ކުރެއްވި މިދަތުރުފުޅުގައި އެރަށުގައި ޖުމުހޫރީ ޕާޓީގެ އޮފީހެއް ހުޅުވައިދެއްވާފައިވެއެވެ. އެއަށްފަހު ގުރައިދޫގެ ރައްޔިތުންގެ ތެރޭން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ.
ދިވެހިންގެ އިސްލާމީ އަގީދާ ބަލިކަށިވުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ