ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓާއި ވޯޓުލީ މީހުންގެ ލިސްޓް ސުޕްރީމް ކޯޓަށް ހުށަހަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކޮށްފައި މިވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން އިންތިހާބު ބާތިލްކުރުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލައިގައި މިއަދު ބޭއްވުނު ޝަރީއަތުގެ މަޖިލީހުގަ އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ ލިސްޓުތައް ހުށަހަޅަން އަމުރު ކުރެއްވީ ޝަރީއަތުގެ ބޭނުމަށް ކަމަށާއި އެ ލިސްޓުތައް ދިރާސާ ކުރުމަށްފަހު އެތަކެއްޗަކީ ދޫކުރަން ފެންނަ އެއްޗެއްތޯ ނުވަތަ ނޫންތޯ އަންގަވާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އެގޮތަށް އެންގެވުމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ލިސްޓު ޖުމްހޫރީ ޕާޓީއަށް ދެއްކުމަށް ހައިކޯޓުން އެ ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހައި ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލު ނުކުރިޔަސް އެންމެ ރަނގަޅުތޯ ހުސްނުއްސުއޫދު ސުވާލުކުރެއްވުމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ހުކުމަށް ވެސް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
ގައުމީ ޕާޓީގެ ލީޑަރު ޑރ.ހަސަން ސައީދާއި ޕީޕީއެމްގެ ވަކީލު އަހްމަދު ޒަނީން އާދަމް ވެސް ވިދާޅުވީ އުއްތަމަ ފަނޑިޔާރު އެގޮތަށް އަންގަވާފައި ވާތީ އެ ލިސްޓް ނުދެއްކިއަސް މައްސަލައެއް ނެތް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޑރ.ހަސަން ސައީދު ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ގިނަ އަދަދެއްގެ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން ފުއާދު ތައުފީގާއި 35 ވަރަކަށް ސުވާލު ހަސަން ސައީދު ކުރައްވާފައިވާކަން ފާހަގަކޮށްލެވެ އެވެ. އަދި އެހުރިހާ ސުވާލުތަކަށް ކޮމިޝަންގެ ރައީސް ވަނީ ޖަވާބުދެއްވާފައެވެ.
ފުއާދު ވިދާޅުވީ ވޯޓުލާ މީހުންގެ މައުލޫމާތުގެ ތަފްސީލު އާއްމު ކުރަމުންދިޔަ ބީޕީއާރްއެސް ސިސްޓަމަކީ އިންޑިއާއިން ފޮނުވި އައިޓީ ކޮންސަލްޓެންޓުން ފަރުމާކޮށް ތައްޔާރުކުރި އެއްޗެއް ނޫން ކަމަށާއި، އެ ސިސްޓަމަކީ، އެ ކޮމިޝަނުގައި ވަޒީފާ އަދާކުރަމުންދާ ދިވެހި މުވައްޒަފުން ތައްޔާރުކޮށްފައިވާ ސިސްޓަމެއް ކަމަށެވެ.
ފުއާދު މިއަދު ވިދާޅުވި ގޮތުގައި އިންޑިއާގެ ޓީމުން ރިޔާސީ އިންތިހާބާއި ގުޅޭ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އަދި އެމީހުން ކުރި މަސައްކަތަކީ އެ ކޮމިޝަނަށް ބޭނުންވާނެ އެކި އެކި ސޮފްޓްވެއާތައް ތައްޔާރު ކުރުމާއި ތަމްރީނު ދިނުން ކަމަށް ފުއާދު ވިދާޅުވި އެވެ.
މުނިސިޕަލްޓީގެ ޙާއްސަ ދަފުތަރުގައި ހިމެނޭ މީހުން އެކިއެކި ގޭގޭގައި ޖައްސާފައިވަނީ އިއުލާނު ކުރުމަށް ފަހު މާލޭ ސިޓީ ކައުންސިލާއި އަދި އިއުލާނާއި ގުޅިގެން އެކަމަށް އިޖާބަ ދިން މީހުންގެ އެދިފައިވާ ގޮތަށް ބަލައިގެން ކަމަށާއި އެގޮތަށް ބަހާނުލައިފިނަމަ ރައްޔިތުންގެ މަޖިލީހުގައި މާލޭ ސިޓީއަށް އިތުރު ދެ ދާއިރާ އިތުރުވެދާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ވޯޓު ކަރުދާސް އާއި ބެހޭގޮތުން ފުއާދު ވިދާޅުވީ ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައި ވަނީ ނޮވެލްޓީ ޕްރިންޓު މެދުވެރިކޮށް ކަމަށާއި ޕްރިންޓް ކުރި ވަގުތު ޗާޕްހާނާގައި ހަރަކާތްތެރިވެފައި ވަނީ އިތުބާރު ހިފޭ ނޮވެލްޓީ ޕްރިންޓްގެ މުވައްޒަފުން ކަމަށެވެ.
ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިނުވާކަން ޔަގީންވާ ކަމަށާއި ޗާޕްކުރުމަށް ފަހު ސެކިއުރިޓީ ފީޗާސް ހުރިތޯ ޗެކްކޮށްފައިވާނެ ކަމަށް ވެސް ފުއާދު މިއަދު ވިދާޅުވި އެވެ.
އަދި އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާހުގައި ސަލާމަތީ ފީޗާސްގެ ގޮތުގައި ތިން ކަމެއް ހިމަނާފައިވާނެ ކަމަށާއި، އެކަންތައްތަކަކީ، އިންތިހާބު އޮބްޒާވް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުންނަށް އެނގޭނެ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފުވާދު ވިދާޅުވީ، އިންތިހާބާއި ގުޅޭ ތަކެތި ވޯޓުލާ މަރުކަޒުތަކަށް ގެންދިއުމުގައި ފުލުހުންގެ އެހީތެރިކަން ހޯދާފައިވާއިރު، އިންތިހާބާއި ގުޅޭ ތަކެތި ގެންގޮސްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ތިބެގެން ކަމަށެވެ.
އުމުރު ހަމަނުވާ ކުޑަކުދިން ވޯޓުލާ މީހުންގެ ލިސްޓުގައި އޮތް ކަމަށް ޖޭޕީން ބުނުމާއި ގުޅިގެން ފުއާދު ވިދާޅުވީ 18 އަހަރު ނުވާ ކުދިންގެ ނަންތައް އެ ކޮމިޝަންގެ ޑޭޓާ ބޭހަށް ޕްރޮސެސް ނުކުރެވޭނެ ގޮތަށް އައިޓީ ނިޒާމް ފަރުމާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވޯޓުލީ މީހުންގެ ލިސްޓުގައި 18 އަހަރު ނުފުރޭ މީހެއްގެ ނަން އޮތުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށާއި އެއީ ބުއްދި ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ހުށަހެޅި ހެކިންގެ ހެކިބަސް ސިއްރުން ނަގަން އެދިފައިވާތީ ސުއޫދު މިއަދު ވިދާޅުވީ ރައްޔިތުންނާ ގުޅޭ އެފަދަ ބޮޑު މައްސަލައެއްގައި އެގޮތަށް ހެކިބަސް ނެގުން ރަނގަޅު ނޫން ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި އެގޮތަށް ހެކިބަސް ނެގި ނަމަވެސް މި ބާވަތުގެ މައްސަލަތަކުގައި އެގޮތަށް ހެކި ބަސް ނެގިދާނެ ކަމަށް ދެކެވަޑައިގަނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.
ވޯޓު ލިސްޓް ސުޕްރީމް ކޯޓަށް ހުށަހަޅަން އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ