އިންޑިއާގެ ހައި ކޮމިޝަނަރު ރަޖީވް ޝަހާރޭއާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެނދުނު އިންޑިޔާގެ ހައިކޮމިޝަނުގައި ބޭއްވެވި ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ އިންޑިއާ އިން ދިވެހީންނަށް ކުރިމަތިވަމުންދާ ބައެއް ކަހަލަ ދަތިތަކަށް ހައްލެއްހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މިގޮތުން ދިވެހިންނަށް އިންޑިއާ އިން ވިސާ ލިބުމުގެ ދަތިކަމާއި ހިލަވެލި ނުލިބޭ މައްސަލަ ހައްލުކޮށް ދިނުމަށް އެ ގައުމުގެ އިސްބޭފުޅުންގެ އަރިހުގައި ދެންނެވި ކަމަށާއި އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އެ ބޭފުޅުން ޔަގީންކަން ދެއްވި އެކަމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް. މާ ލަސް ނޫން މުއްދަތެއްގެ ތެރޭގައި އެކަން ހަމަޖައްސަވައި ދެއްވާނެ ކަމަށްވިދާޅުވި، " އޭނާ ވިދާޅުވި އެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ހުރި އިންޑިއާގެ މަސްލަހަތާއި ގުޅިފައި ހުރި މުހިއްމު މައްސަލަތަކުގައި މިއަދު މަޝްވަރާ ނުކުރައްވާ ކަމަށެވެ. އެގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމާއި ހަވާލުވެ ތިބި އިންޑިއާގެ ޖީއެމްއާރު ގުރޫޕް އެތަނުން ބޭރުކުރުމުން ދެ ޤައުމުގައި ގުޅުމަށް ހިނާރުކަމެއް ކުރިމަތިވެފައިވީނަމަވެސް އެއާޕޯޓުގެ މައްސަލައިގައި ވަކި ހާއްސަ މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.
އިންޑިއާގެ ފޮރިން ސެކެޓްރީއާއެކު ޖުމްހޫރީ ގުޅުމުން މިއަދު ބޭއްވި ބައްދަލުވުމުގައި ޖުމްހޫރީ ގުޅުމުގެ ފަރާތުން ބައިވެރިވީ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމާއި، ރަނިންމޭޓް ޑރ. ޙަސަން ސައީދުއާ، އަދާލަތު ޕާޓީއަށް ނިސްބަތްވާ އިސްލާމިކް މިނިސްޓަރު އައްޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދުއާ، ޖުމްހޫރީ ޕާޓިއަށް ނިސްބަތްވާ އެޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނެވި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމްއާ އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. އިބްރާހިމް ދީދީއެވެ.
އިންޑިއާގެ ހައި ކޮމިޝަނަރު ރަޖީވް ޝަހާރޭއާ ގާސިމް ބައްދަކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ