30 އަހަރު ޖަލުގައި އިންނަން ޖެހުނަސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްނުލާނެ ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ވިދާޅުވި ކަމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ތޮލްހަތު އާއި ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރެއިން އެކަކު ބުނެފި އެވެ.
މިގޮތައް ހެކިބަސް ދިނީ ތޮލްހަތު ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އޭނާގެ އެހީތެރިއަކަށް މަސައްކަތް ކުރެއްވި އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހްސާން އެވެ.
ކޯޓުގައި ހެކިބަސް ދެމުން ކެޕްޓަން އިހްސާން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރާ ވާހަކަ ކޮންމެވެސް މީހަކާ ފޯނުން ދައްކަވަމުން 30 އަހަރަށް ޖަލަށްލިޔަސް ގާޒީ ދޫކޮށްނުލާނެ ކަމަށް ތޮލްހަތު ވިދާޅުވި ކަމަށާއި އެހެން ތޮލްހަތު ވިދާޅުވިއިރު ތޮލްހަތު އަރިހުގައި އޭނާ ހުރި ކަމަށެވެ. ނަމަވެސް ތޮލްހަތު ފޯނުން ވާހަކަދެއްކީ ކާކާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ކެޕްޓަން އިހްސާން ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރުމުން އޭނާ ދޫކޮށްލަން އެތައް ފަހަރަކު ކޯޓުތަކުން ކުރި އަމުރުތައް ހިފައިގެން ތޮލްހަތާ ހަމައަށް ދިއުމުން އެ އަމުރުތަކާ ހަވާލުވި ކަމަށް ސޮއި ނުކޮށް، އެ ތަކެތި ފައިލް ކުރަން ތޮލްހަތު އެންގެވި ކަމަށް ވެސް ކެޕްޓަން އިހްސާން ވިދާޅުވި އެވެ.
އަމުރުތައް ފައިލް ކުރަން ތޮލްހަތު އޭނާ އަށް އަންގަވަނީ އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ގުޅުއްވުމަށް ފަހު ކަމަށް އޭނާ ބުންޏެވެ. ތޮލްހަތު ނަޝީދަށް ގުޅުއްވާ ކޮންމެ ފަހަރަކު "ތޮލްހަތު ތި އެއްޗެހިތައް ބަހައްޓާށޭ" ނަޝީދު ވިދާޅުވާ އަޑު އިވޭ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރަން ހިންގި އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހުންނެވި އިބްރާހިމް ދީދީއަށް ކޮމާންޑް ކުރެވޭނީ ތޮލްހަތަށާއި ރައީސަށް ކަމަށާއި ނަމަވެސް އޭރު އިބްރާހިމް ދީދީއަށް އަމުރު ކުރަމުން ދިޔައީ ތޮލްހަތު ކަމަށް ގަބޫލު ކުރާ ކަމަށެވެ.
މިރޭ ދެވަނަ އަށް ހެކިބަސްދިން އެމްއެންޑީއެފްގެ ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް ބުނީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އޭނާ ވެސް އަދި ތޮލްހަތު ވެސް ގިރިފުއްޓަށް ވަޑައިގެން އަބްދުﷲ ގާޒީއާ ބައްދަލުކުރެއްވި ކަމަށެވެ.
ކާނަލް އަބްދުއްރަހީމް އަކީ ސިފައިން އަބްދުﷲ ގާޒީ ގެންދިޔައީ ގިރިފުއްޓަށްކަމަށް އާއިލާއަށް އަންގަން އަބްދުﷲ ގާޒިގެ ގެކޮޅަށް ވަޑައިގެންނެވި ބޭފުޅާއެވެ. ކާނަލް އަބްދުއްރަހީމް ވިދާޅުވީ އޭނާ އެގެއަށް ދިއުމަށް އަމުރު ކުރީ ކާނަލް ޒިޔާދު ކަމަށާއި ޒިޔާދު އެހެން އެންގެވީ ތޮލްހަތު ވިދާޅުވެގެން ކަމަށް ޒިޔާދު އޭނާ އަރިހު ދެންނެވި ކަމަށެވެ.
"30 އަހަރު ޖަލުގައި އިންނަން ޖެހުނަސް ގާޒީ ދޫކޮށްނުލާނެކަމަށް ތޮލްހަތު ވިދާޅުވި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ