ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަގުތުން މެދުކަނޑާލަން އދ. ގެ އެންމެ މަތީ ކޯޓުން އަމުރުކޮށްފި
ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް، ދުނިޔޭގެ ކޯޓުން (އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް) ރަޝިޔާ އަށް އިއްޔެ އަމުރުކޮށްފި އެވެ."ޔޫކްރެއިންގެ ބިމުގެ ސަރަހައްދުގައި ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ފެށި އަސްކަރީ އޮޕަރޭޝަން ވަގުތުން މެދުކަނޑާލަން ޖެހޭ،" ފަނޑިޔާރު ޖޮއޭން ޑޮނޮހިޔު ވިދާޅުވި އެވެ."ރަޝިއާއިން ބާރުގެ ބޭނުން ކުރާ ގޮތްތަކާ މެދު ކޯޓުން ވަރަށް ބޮޑަށް ކަންބޮޑުވޭ. އަދި އެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ސީރިއަސް މައްސަލަތަކެއް."ރަޝިއާއާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިން ސަރުކާރުންނެވެ.އެ އަމުރުގައި ދެ ވަނަ ކަމަކަށް ރަޝިޔާ އަށް އަންގާފައި އޮތީ، ޔޫކްރޭނަށް އަރައި ތިބި ރަޝިޔާ ސިފައިންނާއި ރަޝިޔާގެ އަމުރުވެރިކަމުގެ ދަށުގައިވާ ހަނގުރާމަވެރި އެއްވެސް ބަޔަކު ނުވަތަ މީހަކު ވިޔަސް، މި އަމުރު ނެރޭ ހިނދުން ފެށިގެން، ޔޫކްރޭންގެ ތެރޭގައި އަސްކަރީ އެއްވެސް ހަރަކާތެއް ހިންގައިގެން ނުވާނެ ކަމަށެވެ.މި ދެ އަމުރު ވެސް ފާސްކުރީ މައްސަލަ ބެއްލެވި 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. މި ދެ އަމުރާ ދެކޮޅު ހެދީ، ކޯޓުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ރަޝިޔާގެ ފަނޑިޔާރު ޖެވޮރްޖިއާން އާއި ޗައިނާގެ ފަނޑިޔާރު ޝޫ އެވެ.ދުނިޔޭގެ ކޯޓުގެ ނިންމުމާ ގުޅޭ ގޮތުން ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ އެއީ ޔޫކްރޭނަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ."ރަޝިޔާއާ ދެކޮޅަށް، ދުނިޔޭގެ ކޯޓަށް ހުށަހެޅި މައްސަލައިގައި ޔޫކްރޭނަށް ވަރަށް ފުރިހަމަ ކާމިޔާބެއް ލިބިއްޖެ. ދުނިޔޭގެ ކޯޓުން އަމުރުކޮށްފައިވަނީ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް. ބައިނަލްއަގުވާމީ ގާނޫނުތަކުން، ރަޝިޔާގެ މައްޗަށް އެ އަމުރު ހިނގާނެ. ރަޝިޔާ ވަގުތުން އެ އަމުރު ތަންފީޒުކުރަންޖެހޭނެ. އެ އަމުރަށް ރަޝިޔާ އިހުމާލުވެއްޖެ ނަމަ، ރަޝިޔާ ދާނީ މިހާރަށް ވުރެ ވެސް ބޮޑަށް އެކަހެރިވަމުން،" ޒެލެންސްކީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.މައްސަލައިގެ އަޑުއެހުން މިދިޔަ ހަފްތާގައި ފެށުމުން ރަޝިއާއިން ކޯޓަށް ހާޒިރެއް ނުވެ އެވެ. ރަޝިއާގެ ސަފީރު އެލްގެޒެންޑާ ޝުލްގުން ކޯޓަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރަޝިއާއިން އަޑުއެހުންތަކުގައި ބައިވެރިނުވާނެ ކަމަށެވެ.އައިސީޖޭ އުފެއްދީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު އދ. ގެ މެމްބަރު ގައުމުތަކުގެ މެދުގައި އުފެދޭ ހިޔާލު ތަފާތުވުން ހައްލު ކުރުމަށެވެ. އެ ކޯޓުގެ ނިންމުންތަކަށް ގާނޫނީ ގޮތުން އަމަލު ކުރަން ޖެހުނު ނަމަވެސް، އަމަލު ނުކުރާ ނަމަ ތަންފީޒު ކުރެވޭނެ ގޮތެއް ނޯވެ އެވެ.ޔުކްރޭނަށް އަރައިގަނެ ރަޝިއާގެ އަސްކަރިއްޔާއިން ގެންދަނީ މުޅި ގައުމު ސުންނާފަތި ކުރަމުންނެވެ. އެހެން ނަމަވެސް، އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން އަދި ވެސް ދެކެނީ މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ވުރެ ކާމިޔާބު ގޮތަކީ ޔުކްރޭނަށް ހަތިޔާރު ފޮނުވައިގެން ރަޝިއާއާ ގަދަބެލުން ކަމަށެވެ.ރަޝިއާގެ ރިޔާސީ މަރުކަޒު ކްރެމްލިން ގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ޔުކްރޭން ހަނގުރާމަ ކުރިޔަށްދަނީ ރަޝިއާގެ ޕްލޭންތަކާ އެއްގޮތަށްކަމަށާ އެޕްލޭންތައް ކާމިޔާބު ވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމުގައެވެ. ޕެސްކޯވް ވިދާޅުވީ ކިޔޭވް ނުހިފި ލަސްވާކަމަށް ރަޝިއާ ގަބޫލުނުކުރާ ކަމަށާ ރަޝިއާއިން ޔުކްރޭންގައި ހިންގާ އަސްކަރީ އެއްވެސް އޮޕރޭޝަނަކަށް ސީދާ ގޮތެއްގައި ހުރަސްއަޅަން އެމެރިކާއަށާ ނޭޓޯގެ ބާރުތަކަށް ނުކެރޭނެކަމުގައެވެ.ރަޝިއާގެ ހަމަލާތަކުން ޔުކްރޭންގެ މަދަނީ ތަންތަނަށްވެސް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެއްކަން ހަމަކުރައްވަމުން ޕެސްކޯވް ވިދާޅުވީ ރަޝިއާގެ އަސްކަރީ އޮޕަރޭޝަން ކުރިޔަށްގެންދަނީ އަދި ގެންދާނީވެސް އާންމުންނަށް ލިބޭ ގެއްލުންތައް އެންމެ ކުޑަވާނެގޮތްތަކަށް ރިއާޔަތް ކޮށްގެންކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ