ނާޒިމަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ. ނާޒިމްގެ އިސްތިއުނާފު މައްސަލަ ބަލައި ނިންމުމަށް މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުރައޫފް އިބްރާހިމް އާއި ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ. ނާޒިމްގެ މައްސަލަ ނިންމައި ފާހަގަކުރެވުނު ނުކުތާތައް ވިދާޅުވަމުން ފަނޑިޔާރު ރައޫފް ވިދާޅުވީ ދަށު ކޯޓުން މައްސަލަ ބެލި އިރު އެއްހެކި އަނެއް ހެއްކާ ފުށުއެރުން ހުރިކަމަށް ނާޒިމްގެ ފަރާތުން ފާހަގަކޮށްފައިވީ ނަމަވެސް ފުށުއެރުންތަކެއް ހެކިބަހުގައި ނެތް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި ހެކިބަސް ނަގާފައި ވަނީ އުސޫލުތަކާ ހިލާފަށްކަން ބުނެވެން ނެތް ކަމަށް ވެސް ރައޫފް ވިދާޅުވި އެވެ. ހެކިންނާ ސުވާލުކުރުމުގައި ހަމަހަމަ ފުރުސަތު ކްރިމިނަލް ކޯޓުގައި ލިބިދީފައި ނުވާ ކަމަށް ނާޒިމްގެ ފަރާތުން ފާހަގަކުރި ނަމަވެސް ކްރިނިމަލް ކޯޓުން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ބަލާއިރު ސުވާލު ކުރުމުގެ ފުރުސަތު ނާޒިމްގެ ވަކީލުންނަށް ދީފައިވާކަން އެނގެން އޮންނަ ކަމަށާއި އަދި ބައެއް ހާލަތުގައި ސުވާލުކުރުން ހުއްޓުވާފައި ވަނީ ހެކި ހުށަހެޅުނު ދާއިރާ އިން ބޭރުން ސުވާލުކުރުމުން ނުވަތަ ތަކުރާރުކޮށް އެއްސުވާލެއް ކުރާތީކަން އެނގެން އޮންނަ ކަމަށް ވެސް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ. އޭގެ އިތުރުން ނާޒިމްގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ދިފާއުވެވޭވަރަށް ހެކި ހުށަހެޅުމުން ވެސް ޝަރީއަތަށް ހެކި ހާޒިރުކޮށްފައިނުވާ ކަމަށް ނާޒިމްގެ ފަރާތުން ފާހަގަކޮށްފައިވީ ނަމަވެސް ހެކިންތެރެއިން ބަލައިގަންނާނެ ހެކިންނާއި ބަލައި ނުގަންނާނެ ހެކިން ކަނޑައެޅުމުގެ ގާނޫނީ ބާރު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށް ރައޫފް ވިދާޅުވި އެވެ. ނަމަވެސް ނާޒިމްގެ ފަރާތުން އެ ނުކުތާ ހުށަހަޅާފައި ވުމުން ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކިންގެ ތެރެއިން ހާޒިރުނުކުރާ ހެކިން ހައިކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފައިވާނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. ފަނޑިޔާރު ރައޫފް ވިދާޅުވީ "ކްރިމިނަލް ކޯޓުން މުހައްމަދު ނާޒިމްގެ މައްޗަށް ކުރި ހުކުމަށް ބަދަލު ގެންނާނެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް" ކަމަށެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ 11 މަހާއި 18 ދުވަސްވެއްޖެ 18 ޖެނުއަރީ 2015: ވަޒީރުކަމުގައި ހުންނަވަނިކޮށް ނާޒިމް ގެއިން ހަތިޔާރު ފެނުނު. އޭގެ ދެ ދުވަސް ފަހުން ވަޒީރުކަމުން ވަކިކުރި ނާޒިމް ހައްޔަރު ކުރީ 10 ފެބުރުއަރީ 2015 ވަނަ ދުވަހު 23 ފެބުރުއަރީ 2015: ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލި ނާޒިމްގެ މައްޗަށް ކުރި ދައުވާ ބަދަލުކޮށް 2 މާޗު 2015 ވަނަ ދުވަހު ނާޒިމްގެ މައްޗަށް އަލުން ދައުވާ އުފުލާފައި ވަނީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި 26 މާޗު 2015: ނާޒިމް 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ހައިކޯޓުގައި ހުކުމް އިސްތިއުނާފު ކުރީ 12 އޭޕްރީލް 2015 ގައި ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލުހުކުމަށް ތާއީދުކޮށް އިސްތިއުނާފު މައްސަލަ ހައިކޯޓުން ނިންމާފައި ވަނީ މިއަދު (15 މާޗު 2016) ވަނަ ދުވަހު، ނާޒިމް ޖަލަށް ލާން ހުކުމް ކުރިތާ އެއްއަހަރު ފަހުން ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ރާއްޖެއެތެރެކޮށް ގެންގުޅުމުގެ ދައުވާ އުފުލާފައި ވަނީ ރާއްޖެ އަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ