މުހިއްޔުއްދީން ސުކޫލް ބަލިކޮށް ޣާޒީ ސްކޫލް އިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި

މައިލޯ އިންޓާ ސްކޫލް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ މެޗުގައި މުހިއްޔުއްދީން ސްކޫލްގެ މައްޗަށް 3-5 ނަތީޖާ އަކުން ޣާޒީ ސުކޫލް ކުރި ހޯދައި ފައިނަލްގެ ފުރުސަތު އެ ޓީމުން ބޮޑުކޮށްފި އެވެ. ދެވަނަ ބުރުގެ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ދ. އަތޮޅު ތައިލީމީ މަރުކަޒާ ދެކޮޅަށް މުހިއްޔުއްދީން ނިކުންނަ އިރު އެ މެޗު ކާމިޔާބު ކޮށްގެން މުހުއްޔިއްދީން އަށް ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ތަނަވަސް ވެފަ އެވެ. ދެވަނަ ބުރުގައި ވާދަކުރާ މުހިއްޔިއްދީން ސުކޫލް އާއި ޣާޒީ ސުކޫލް އަދި ދ. އަތޮޅު ތައިލީމީ މަރުކަޒަށް ވެސް ފައިނަލްގެ ފުރުސަތު އޮތް އިރު ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. މައިލޯ އިންޓާ ސުކޫލް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ މެޗުގައި މުހިއްޔުއްދީން ސްކޫލް އާއި ޣާޒީ ސުކޫލު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު ރަސްމީ ބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ޣާޒީ ސުކޫލް އިން ވަނީ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނި ކޮށް ތިން ގޯލު ގޯލު ކާމިޔާބުކޮށް ބޮޑު ލީޑެއް ނަގާފަ އެވެ. އެއީ ހަސަން އަލީފް ދެ ގޯލު ކާމިޔާބް ކުރިއިރު އަނެއް ގޯލު ކާމިޔާބު ކޮށްދިނީ ޔާމިން އަލީ އެވެ. ދެވަނަ ހާފް ފެށިގެން 58 ވަނަ މިނެޓްގައި ޣާޒީ ސުކޫލަށް ޔާމިން އިތުރު ގޯލެއް ކާމިޔާބް ކޮށްދިން އިރު އެ ޓީމްގެ ފަހު ގޯލު ކާމިޔާބުކޮށް އަލީފް ވަނީ އެ މެޗުގައި ހެޓްރިކެއް ފުރިހަމަ ކޮށްފަ އެވެ. މައިލޯ އިންޓާ ސުކޫލް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ މެޗުގައި މުހިއްޔުއްދީން ސްކޫލް އާއި ޣާޒީ ސުކޫލު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު ޣާޒީ ސުކޫލް އިން ފަސް ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް މުހިއްޔުއްދީން ސުކޫލް އިން ވަނީ އެ މީހުންގެ ކުޅުން އިތުރަށް ވަރުގަދަ ކޮށް ޣާޒީ ޓީމުގެ ގޯލަށް ބާރު ބޮޑުކޮށްފަ އެވެ. ނަތީޖާ އެއްގެ ގޮތުން އެ ޓީމުން ވަނީ 67 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބުކޮށްފަ އެވެ. އެ ގޯލު މުހިއްޔުއްދީން ސުކޫލް އަށް ކާމިޔާބް ކޮށްދިނީ ބަރާއު އަހުމަދު ޒާހިރު ހުސެންނެވެ. އެ ގޯލަށް ފަހު ވެސް މުހިއްޔިއްދީން ސުކޫލް އިން ރަނގަޅު ކުޅުމެއް ދެއްކި އިރު 78 ވަނަ މިނެޓްގައި އިބްރާހިމް އުސައިދު ނަޖީބް ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްފަ އެވެ. އަދި އެ ގޯލު ޖެހިތާ މިނެޓެއް ފަހުން މުހިއްޔުއްދީން ސުކޫލްގެ މުހައްމަދު ސަމީހް ވަނީ އެ ޓީމްގެ ތިން ވަނަ ގޯލު ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ