އައްޑޫގައި 1.6 މެގަވޮޓްގެ ކަރަންޓް އުފައްދަން މަޝްރޫއެއް ފަށައިފި

އިއާދަކުރަނިވި ހަކަަތައިން ކަރަންޓް އުފެއްދުމަށް އައްޑޫ ސިޓީގައި މަޝްރޫއެއްް ފަށައިިފި އެވެ.
ހިތަދޫ ސުކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިމަސައްކަތް ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ. މިނިސްޓަރު ވަނީ އެ ސުކޫލުގެ ފުރާޅުގައި ފުރަތަމަ ޕެނަލް ހަރުކޮށްދެއްވާފަ އެވެ.
މިމަޝްރޫއުގެ ދަށުން 1.6 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ސޯލާ ޕެނަލްތައް އައްޑޫގެ ސްކޫލްތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ ފުރާޅުތަކުގައި ހަރުކުރަން ވަނީ ނިންމާފަ އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އަމާޒަކީ 2018 ވަަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންވާ ކުރާ ކަރަންޓްގެ 30 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުން ކަަމަށެވެ. އަދި ސަރުކާރުގެ މަގުސަދަކީ އިއާދަކުރަނިވި ހަކަތަ އުފައްދަން ރައްޔިތުންނަށް ހިތްވަރު ދިނުން ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ އައްޑޫއާއި އެކު ބ. ގޮއިދޫ، ޅ. ކުރެންދޫ، ދ. ރިނބިދޫ އަދި ގއ. ވިލިނގިލީގައި ވެސް މިމަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި މި ފަސް ސަރަހައްދުން 2.5 މެގަވޮޓްގެ ކަރަންޓް އުފައްދަން ނިންމާފައިވާ ކަަމަށެވެ.
ރާއްޖެ ފަދަ ތިމާވެށީގެ މައްސަލަތައް ކުރިމަތިވެފައިވާ ގައުމަކަށް އިއާދަކުރަނިވި ހަކަތަ އުފެއްދުމަކީ މުހިއްމު ކަމެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖެއަކީ ތެލަށް ކުރާ ހަރަދު ބޮޑު ގައުމަކަށް ވާތީ އިއާދަކުރަނިވި ހަކަތަ އުފައްދައިގެން ތެލަށް ކުރާ ހަރަދު ކުޑަކުރަންޖެހޭ ކަަމަށެވެ. އޭރުން ތަރައްގީގެ އެހެން މަޝްރޫއުތަކަށް ހަރަދުކުރަން ލިބޭ ފައިސާގެ އަދަދު އިތުރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ