އިންތިޚާބު ފަސްކުރުމަކީ ރައްޔިތުންނަށް ޖެހުނު ބޮޑު ތަކުލީފެއް: މައުމޫން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކީ ރައްޔިތުން އުފުލަން ޖެހުނު ބޮޑު ތަކުލީފެއް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމާ ގުޅިގެން ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކައުންސިލް އިންތިޚާބު ފަސްކުރުމަކީ ރައްޔިތުންގެ އިންތިޚާބީ ހައްގުތަކަށް ލިބޭ ބޮޑު އުނިކަމެއް ކަމަށެވެ.
އިންތިޚާބު ފަސްކުރުމުން އަލުން ރީރަޖިސްޓްރީ ކުރަން ޖެހުމާއި އެހެނިހެން ޚަރަދުތައް ކުރަން ޖެހުމަކީ ރާއްޖޭގެ އިގުތިސާދީ ހަލާތަށް ބަލާއިރު ރައްޔިތުންނަށް އުފުލަންޖެހޭ ބޮޑު ތަކުލީފެއް ކަމަށް މައުމޫން ވިދާޅުވިއެވެ.
2017 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ގާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ނުބޭއްވުމަކީ ގާނޫނުގެ ވެރިކަން ހިންގުމަށް އޮތް ހުރަހެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށާއި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިންތިޚާބު، އިންތިޚާބީ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމުކުރެއެވެ" މައުމޫން ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިޚާބު ފަސްކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވަނީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.
އަދި މައްސަލައަށް ތަދައްޚުލުވި ހުރިހާ ފަރާތަކުންވެސް އިންތިޚާބު ފަސްކުރުމަށް ތާއީދުނުކުރާ ކަމަށް ޝަރީއަތުގައި ހާމަކޮށްފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
އިންތިޚާބު ފަސްކުރަންޖެހޭ ސަބަބެއް ނެތް ކަަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަކާލާތުކޮށްފައިވާއިރު އިންތިޚާބު ފަސްކުރީ މަދު ބައެއްގެ މަސްލަހަތު އިސްކޮށްގެން ކަމަށް މައުމޫން ވިދާޅުވިއެވެ.
ގާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް މައުމޫން ވަނީ ގޮވާލައްވާފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޕީޕީއެމްގެ ރައީސް މައުމޫން ބަޔާނެއް ނެރުއްވާފައިވާއިރު އިންތިޚާބު ފަސްކުރަން ސިވިލް ކޯޓުން ހުކުމް ކުރީ ޕީޕީއެމުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން ފަޅިން ހުށަހެޅި މައްސަލައިގައި މިމަހުގެ ފުރަތަމަ ދުވަހު ކޯޓުން ހުކުމް ކުރީ ދެމަސްދުވަހަށް އިންތިޚާބު ފަސްކުރުމަށެވެ. ޕީޕީއެމުން މައްސަލަ ހުށަހެޅީ ޕާޓީ ތެރޭގައި ދިމާވި މައްސަލަތަކާ ގުޅިގެން އެޕާޓީއަށް އިންތިޚާބަށް ތައްޔާރުވެވިފައި ނުވާ ކަމަށް ބުނެއެވެ.
މި މައްސަލައަށް ތަދައްޚުލުވި ޕީޕީއެމްގެ ރައީސް މައުމޫނާއި އެމްޑީޕީއާއި އަދާލަތު ޕާޓީން ވެސް ވަކާލާތު ކުރީ އިންތިޚާބު ފަސްކުރުމާ ދެކޮޅަށެވެ.
އިންތިޚާބު ފަސްކޮށްފައި މިވަނީ އިންތިޚާބު ފަސްކޮށްފިނަމަ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އިންތިޚާބަށް ކުރި ޚަރަދުތައް ބޭކާރުވެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ ކޮމިޝަނުން ކޯޓުގައި ވަކާލާތުކޮށްފައި ވަނިކޮށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ