ސަރުކާރު ހިންގަންވާނީ ޖޭޕީ ވެސް ބައިވެރިކޮށްގެން: ގާސިމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ހިންގަން ވާނީ ޖުމްހޫރީ ޕާޓީ ވެސް ބައިވެރިކޮށްގެން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފިން އިސްނަގައިގެން ރޭ މާފަންނު ކުނޫޒުގައި ބޭއްވި މާހެފުމަށް ފަހު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ރައީސް ޔާމިނަށް ވެރިކަން ލިބިވަޑައިގަތީ އެ ޕާޓީވެސް ހިމެނޭގޮތަށް ހަދާފައިވާ ކޯލިޝަންގެ ސަބަބުން ކަމަށެވެ. އެހެންކަމުން ސަރުކާރު ހިންގަންވާނީ އެ ޕާޓީވެސް ބައިވެރިކޮށްގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޯލިޝަން އެއްބަސްވުމެއްގެ ދަށުން ލިބުނު ވޯޓު އަބްދުﷲ ޔާމިނަށް ލިބިފައި ވަނީ. އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެންނާ އެކީގައޭ ސަރުކާރު ހިންގަންވާނީ. އެއީ އަޅުގަނޑުމެންގެ ވައުދާ އަހުދު، އަދި ރައްޔިތުން އެގޮތަށް ކޯލިޝަނަށް ވޯޓު ދިނީ ވެސް އެގޮތަށް ކަންތަށް ވާނެތީ،" ގާސިމް ވިދާޅުވި އެވެ. ޖޭޕީން ރޭ ބޭއްވި މާހެފުމުގައި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ --- ސަން ފޮޓޯ: އަހްމަދު ޝަރުވާން
ޕީޕީއެމްއާ ޖުމްހޫރީ ޕާޓީއާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމާ ގުޅިގެން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ ފުރުސަތު އެބަ އޮތްކަމަށް ރައީސް ޔާމީން ވިދާޅިވިނަމަވެސް މިހާތަނަށް އެފަދަ މަޝްވަރާއަކަށް ޕީޕީއެމްގެ ފަރާތުން ދައުވަތު ދީފައިނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޕީޕީއެމްއާއެކު އެ ޕާޓީން ވެފައިވާ ކޯލިޝަން އެއްބަސްވުމުގައި ބުނެފައިވާ ގޮތުން އެ އެއްބަސްވުމާ މެދު ޚިޔާލުތަފާތުވުންތަކެއް އުފެދިއްޖެނަމަ ޖެހޭނީ މަޝްވަރާ ކުރަން ކަމަށާއި ކޯލިޝަން އުވާލެވޭނެ ވާހަކައެއް އެ އެއްބަސްވުމުގައި ބުނެފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން އެއްބަސްވުމުގެ އަށްވަނަ މާއްދާގެ އެކެއް އަދި ދޭއްގަ މި އޮންނަނީ ކަމެއްގަ ދެބަސް ވެއްޖެ ނަމަ ނުވަތަ ހިލާފެއް އުފެދިއްޖެނަމަ އެކަން ހައްލުކުރާނީ ވާހަކަ ދައްކައިގެންކަމަށް. އެއްގޮތަކަށް ވެސް ނެތް ކޯލިޝަން އުވާލެވޭނެ ވާހަކައެއް. 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމައަށް އެ އެއްބަސްވުން ދެމިގެން ދާންޖެހޭ،" ގާސިމް ވިދާޅުވި އެވެ. މާހެފުން ފެށުމުގެ ގޮތުން ޖޭޕީން ރޭ ބޭއްވި ހަފްލާގެތެރެއިން --- ސަން ފޮޓޯ: އަހްމަދު ޝަރުވާން
އޭނާ ވިދާޅުވީ މިހާރު ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ދެމެދުގައި އުފެދިފައި އޮތީ ދެބަސްވުމެއް ކަމަށާއި އެކަން ހައްލުކުރެވޭނީ ކޯލިޝަން އެއްބަސްވުމުގައި ވާފަދައިން ދެފަރާތުން ވެސް ވާހަކަ ދައްކައިގެން ކަމަށެވެ. އަދި އެއީ ކޯލިޝަން ރޫޅާލައި އެއްބަޔަކު އަނެއް ބަޔަކާ "އަރާރުން ވާން" ޖެހޭވަރުގެ ކަމެއް ނޫން ކަމަށާއި ޕީޕީއެއް އިން އެގޮތަށް ކަންތައް ކުރުމަކީ "ވަރަށް އިހާނެތި ދަށުދަރަޖައިގެ އަމަލެއް" ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ