ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އަލްއުސްތާޒާ މަރްޔަމް ރިޝްފާ މިއަދު އައްޔަން ކުރައްވައިފިއެވެ.
އަލްއުސްތާޒާ މަރްޔަމް ރިޝްފާ މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޙާއްސަ ރަސްމިއްޔާތެއްގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ރަސްމިއްޔާތުގައި އަލްއުސްތާޒާ މަރްޔަމް ރިޝްފާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޝުއައިބް ހުސައިން ޒަކަރިއްޔާ ކުރިފުޅުމަތީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމުގެ ހުވައި ކުރެއްވިއިރު މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަނާ އާއި ހަވާލުކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު އައްޔަނު ކުރެއްވި އަލްއުސްތާޒާ މަރްޔަމް ރިޝްފާ މީގެކުރިންވެސް ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް އަދާކުރައްވާފައެވެ. އަދި، ޕާރޓް-ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ޙަރަކާތްތެރިވެ ވަޑައިގެންފައިވެއެވެ.
އަލްއުސްތާޒާ މަރްޔަމް ރިޝްފާ ވަނީ ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީއަރ އަދި ބެޗްލަރ އޮފް ޝަރީއަރ އެންޑް ލޯ ވެސް ހާސިލްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ