މިއަދުވެސް މާލެއާއި ހުޅުމާލޭން ކަރަންޓު ކެނޑިދާނެ

‏ގްރޭޓާމާލެ ކަރަންޓް ގްރިޑްގެ ދެެވަނަ ސާކިޓްގެ މަސައްކަތް މިއަދު ހަވީރު 5 ޖަހަންދެން ކުރިއަށް ދާއިރު މި މަސައްކަތުގެ ތެރެއިން މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ގްރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރިން ރާވާފައި އޮތް ދުވަސް ތަކުގެ އިތުރުން މިމަހުގެ 23 އަދި 24 ގައިވެސް މަސައްކަތް ކުރާގޮތަށް މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ. އަަދި އިތުރު ޓެކްނިކަލް މައްސަލައެއް ދިމާނުވާނަމަ، މިމަހުގެ 24 ވަނަ ދުވަހަކީ މި މަސައްކަތުގެ ފަހު ދުވަހަށް ވާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
މި މަސައްކަތުގެ ތެރޭގައި 23 އަދި 24 ވަނަ ދުވަހުވެސް ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަން ސްޓެލްކޯއިން ވަނީ ފާހަގަ ކޮށްފައެވެ.
އިއްޔެ ގްރޭޓާމާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ ތެރޭގައި މުޅި މާލެއިން ކަރަންޓު ކެނޑުނެވެ.
މިދިޔަ އާދިއްތަ ދުވަހު ވަނީ މާލެ އާއި ހުޅުމާލެ 1 ކަރަންޓަކުން ގުޅާލާފައެވެ.
ގްރޭޓާމާލެ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލާ މަޝްއޫއެކެވެ. އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ