އައިޖީއެމްއެޗްގެ ލެބުން އެއް ލައްކަ ޕީސީއާރު ޓެސްޓު ހަދައިފި

އައިޖީއެމްއެޗުގެ ލެބޯރެޓަރީން 100،000 ކޮވިޑް 19 ޕީސީއާރު ޓެސްޓު ހަދާފައިވާ ކަމަށް އެ ހޮޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުން ކޮވިޑުގެ ޕީސީއާރު ޓެސްޓުކުރަން ފަށާފައިވަނީ ފެބުރުއަރީ 29 ވަނަ ދުވަހު ކަމަށާއި މާޗު ހަތްވަނަ ދުވަހު ރާއްޖެއިން ކޮވިޑް 19ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން، އެ ހޮސްޕިޓަލުގެ ލެބޯރެޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓުކުރަން ފެށީ އެންމެ ތިން މުވައްޒަފުން ހިމެނޭ ޓީމަކުން ކަމަށާއި ނަމަވެސް ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުން އެ ޓީމުގައި ހިމެނޭ މުވައްޒަފުންގެ އަދަދު އިރުކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގައި މިހާރު 22 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގެ ލެބުގެ ކެޕޭސިޓީއަކީ ކޮންމެ 24 ގަޑިއިރަކު 1500 ޕީސީއާރު ޓެސްޓު ކަމަށެވެ.
"މިއީ ސާމްޕަލް އެކްސްޓްރެކްޓު ކުރުމުގައި ޒަމާނީ މެޝިންތަކާއި ޕީސީއާރު މެޝިންތައް އަދި ހަމައެހެންމެ އިތުރު މުވައްޒަފުން ތަމްރީނު ކުރުމުގެ ނަތީޖާ،" އައިޖީއެމްއެޗުގެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި އައިޖީއެމްއެޗުން ވަނީ، ލެބޯރެޓަރީ މުވައްޒަފުންނަކީ ކޮވިޑް 19އާ ގުޅިގެން އެންމެ ކުރީ ސަފުގައި ހިދުމްތަދޭ ފަރާތްތައް ކަން ފާހަގަކޮށް، ލެބޯރަޓަރީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ