ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މަގާމެއް ހުސްވެފައިވާތީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރައްޔިތުންގެ މަޖިލިހުންނެވެ. މަޖިލިހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.
ސީއެސްސީގެ މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި އެ ކޮމިޝަންގެ މެމްބަރު ޒަކަރިއްޔާ ހުސެއިން ވަނީ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފައެވެ. އަދި ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަހީގް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އެ ކޮމިޝަންގެ މެމްބަރުންތަކެއް އިސްތިއުފާ ދެއްވީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މެމްބަރުންގެ މައްސަލަ ބަލައި، އެބޭފުޅުން ވަކިކުރަން ނިންމައި މަޖިލިހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ. ސީއެސްސީގެ މެމްބަރުން ވަކިކުރާ މައިގަނޑު ސަބަބެއްގެ ގޮތުގައި އޮތީ މަސްއޫލިއްޔަތު އަދާ ނުކުރެއްވުމުންނެވެ.
ހަތަރު ބޭފުޅުން ވެސް ވަކި ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނީ މީގެ ދުވަސްތަކެއް ކުރިންނެވެ. ސީއެސްސީގެ މެންބަރުކަމުގައި މިހާރު ހަމައެކަނި ހުންނެވީ ފާތިމަތު އާމިރާއެވެ.
އާމިރާ ވަކިކުރަން ޖެހޭ ކަމަށް ގިނަ މެންބަރުން ވަރަށް ބޮޑަށް ދަނީ ވަކާލާތު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ